ގޮނޑި ގެއްލޭ އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅެން ނެތް: ސުޕްރީމް ކޯޓު 

ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އިސްލާހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލު ފާސްކުރީ 20 ނޮވެމްބަރު 2024 ގައެވެ. ހަމަ އެރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފައެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު މި އިސްލާހުގެ ދަށުން، ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމަކީ ގޮނޑި ގެއްލޭނެ ކަމެކެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީއަކާ ގުޅުމަކީވެސް މެންބަރުކަން ގެއްލޭނެ ހާލަތެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ، އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ބަދަލަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އާއި 8 ވަނަ މާއްދާގެ އިތުރުން 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެކެވެ. މީގެ އިތުރުން މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާހެއް ކަމަށާއި މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިވަޑައިގަތެވެ. އަދި މި އިސްލާހު ސައްހަ ކަމަށް ކަނޑައެޅޭ ހާލަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ މައްޗަށް މިއުސޫލު ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ.

މައްސަލައިގެ ހުކުމް އިއްވަވަމުން، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އަދި ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް މިފަދަ އިސްލާހެއް ގެނައުމަކީ ގާނޫނުއަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 2017 ވަނަ އަހަރުވެސް ރާއްޖޭގައި އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށް، އެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު އިސްލާހެއް ކަމަށް އަލީ ހުސައިން ވިދާޅުވި ނަމަވެސް، ބޭސިކް ސްޓްރަކްޗާއަކީ ކޮބައިކަން ކޯޓުން ކަނޑައެޅުމުގެ ބަދަލުގައި އެކަން މަޖިލީހަށް ކުރެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދުކުރެއްވުމާއެކު، ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ އެ އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ކަނޑައަޅައިފައެވެ. އަދި މިހާރު އޮތް 20 ވަނަ މަޖިލީހަށްވެސް މި އިސްލާހު ހިނގާނެ ކަމަށް ހުކުމްކުރިއެވެ.

މި މައްސަލައިގައި ދެ ފަނޑިޔާރެއްގެ ރައުޔު ވަނީ އަޣުލަބިއްޔަތުގެ ރައުޔާ ތަފާތުވެފައެވެ. އެގޮތުން ފަނޑިޔާރު އާއިޝާ ޝުޖޫން އިއްވެވި ރައުޔުގައި ވިދާޅުވީ މި އިސްލާހު ބާތިލުކުރަންޖެހޭ ކަމަށެވެ. އަނެއްކޮޅުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔުގައި ވިދާޅުވީ، އިސްލާމްދީނުގެ މަސްދަރަކާ ހިލާފުނުވާހާ ހިނދަކު ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ގާނޫނުއަސާސީގެ ބައެއް ކަމަށެވެ. އެހެންކަމުން އެ ރައުޔުގެ ދަށުންވެސް މި އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.