ފިއުލް ރިޒާވް ގާއިމުކުރުމަށް މާލެ ކައިރިން ދެ ފަޅެއް ބަލަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ އިގުތިސާދީ ދަތިތަކުން ސަލާމަތްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) ގުޅިގެން ފަށާފައިވާ ކަމަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން، މާލެ ސަރަހައްދުން ބަލަމުންދާ ދެ ފަޅުގެ ސާވޭތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގެ ޑިޒައިނާއި، ފައިސާ ހޯދާނެ ގޮތްތަކާއި، މަޝްރޫއުގެ ފީސިބިލިޓީ ހިމެނޭ ފުރިހަމަ ޕްލޭނެއް ތައްޔާރުކޮށް ރައީސަށް ވަރަށް އަވަހަށް ހުށަހެޅޭނެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ އެއް އަހަރު ދުވަހަށް ބޭނުންވާނެ މިންވަރަށް ތެޔޮ ރައްކާކުރެވޭނެ ގައުމީ ރިޒާވެއް ގާއިމުކުރުމެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރުމަށްފަހު، އިތުރުވާ ޖާގަ ބޭރުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.