ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީ ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ލަންކާ ސަރުކާރުން އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފި އެވެ. މި ރަސްމިއްޔާތު އޮތީ ކޮލަމްބޯގައި ހުންނަ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.
މި ރަސްމިއްޔާތަށް، ރައީސް މުއިއްޒު ވަޑައިގެންނެވުމުން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
މި ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސް މުއިއްޒުގެ ޝަރަފުގައި އޮތް ލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނާއެއް އެ މަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސް މުއިއްޒަށް، ލަންކާ ސަރުކާރުގެ އިއްޒަތްތެރިން ތައާރަފުކޮށް އެރުވި އެވެ. އަދި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ލަންކާގެ ރައީސަށް ތައާރުފުކޮށް އެރުވި އެވެ.
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.









