ލަންކާއާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ހަގީގީ ފައިދާ ރާއްޖެއަށް ލިބޭނެ: ރައީސް

ސްރީލަންކާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި އެ މަނިކުފާނު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއާ އެކު ހަތް ދާއިރާއަކުން ސޮއިކުރި އެމްއޯޔޫތަކުގެ ހަގީގީ މަންފާ ރާއްޖެއަށް ލިބޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސް ވިދާޅުވީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާ އެކު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި ދޭދޭ ގައުމުގެ ކަންކަމާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމުގައި މަޝްވަރާ ބަދަލުކުރެއްވި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ އެއްބަސްވުންތައް ހަގީގަތަކަށް ހައްދަވައިދެއްވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށާއި ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި ލަންކާގެ ދައުރު ބޮޑު ކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ފޯރަމް ވެގެންދާނީ ދެ ގައުމުގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި އުފެއްދުންތެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ފޯރަމަކަށެވެ.