ށ. މިލަންދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
އެކަން އިއުލާންކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލާފައި މިވަނީ 31 ދުވަހުގެ ތެރޭގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން 31 ދުވަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިލަންދޫގައި އެއާޕޯޓެއް ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކޮށް އަމަލީ މަސައްކަތް ފެށީ 15 އޮކްޓޫބަރު 2025 ގައެވެ. އެއީ މީގެ ހަތް މަސް ކުރި އެވެ.
މި މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކާފައިވަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކުއީން އޮފް ނެދަލޭންޑްސް ބޭނުންކޮށްގެންނެވެ. މިއީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ.
ރައީސް އެ ރަށަށް ކުރިން ކުރެއްވި ދަތުރުފުޅެއްގައި ވަނީ މިލަންދޫ އެއާޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.









