ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނީ ހޭންވޭރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެ މީހާގެ ވީޑިއޯ ފުލުހުން އާންމުކޮށްފައިވާ އިރު، އެ މީހާ ދެ އަންހެނެއް ކައިރިން ހިނގާފައި ދާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. ބެލެވޭ ގޮތުގައި އޭނާ ޖިންސީ ފުރައްސާރަކޮށްފައިވަނީ އޭގެ ތެރެއިން އެއް އަންހެނަކަށެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.









