މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ހަދަމުންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ 72 ޕަސެންޓް ނިމިފައިވާ ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިއަދު މީޑިއާތަކާ ހިއްސާކުރި ބްރިޖު އަޕްޑޭޓުގައި ބުނީ، މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ބްރިޖް ޑެކަށް ބޭނުންވާ ޖުމުލަ 1,222 ސެގްމަންޓްގެ ތެރެއިން 86 ޕަސެންޓް ސެގްމަންޓް މިހާރު ކާސްޓްކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން 60 ޕަސެންޓް ސެގްމަންޓް އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެކަމާމެދު ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަދި މަޝްރޫއުު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށް ދެމުން އައި ނަމަވެސް، މި އަހަރަށް ނިންމުމަށް ތާވަލުކުރި އެ މަޝްރޫއު 2027 އަށް ދިގުލައިގެން ދިއުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު އެވެ. އެގޮތުން މި ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.









