މާލޭ ޓެކްސީ ލައިނުން ހުރިހާ ފޯނު ކޯލްއަކަށް ޖަވާބު ނުދެވެނީ ހިދުމަތުގެ ކުރީކޮޅު ވީމަ ކަމަށް އިކޮނޮމިކް މިނިސްޓަރް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޓެކްސީ ލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ ތިންވަަނަ ދުވަހު އެވެ. އެ ހިދުމަތުން އަގު ނަގަން ފެށީ އެ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
ނަމަވެސް ޓެކްސީ ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ނާންނާތީ އާންމުން ދަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް ޓެކްސީ ލައިނަށް ގުޅަން ހަމަޖައްސާފައިވާ ނަންބަރަށް ނުގުޅޭކަމުގެ ޝަކުވާ ބޮޑެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ މިކަން ހައްލުކުރުމަށް މޯބައިލް އެޕްލިކޭޝަނެއް ލޯންޗުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މޯބައިލް އެޕްލިކޭޝަނަށް އެޕް ސްޓޯރުން ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޕްލިކޭޝަން ލޯންޗުކުރުމާއެކު، ފޯނު ކޯލްގެ ބަދަލުގައި އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި މިދިޔަ އޭޕްރިލް މަހުގެ 13 އިން 18 އަށް މާލެ ޓެކްސީ ލައިނުން 1,118 ދަތުރު ކޮށްފައިވެ އެވެ. އަދި އޭޕްރިލް 18 އިން މެއި 1 އާ ހަމައަށް އެމްޓީސީސީން ޖުމުލަ 7,251 ދަތުރު ނަގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.









