ކަރަންޓު ކަނޑާނުލައި އަޕްގްރޭޑް ނިންމާލި ކަމަށް ބުނިތާ ގަޑިއިރެއް ނުވޭ، ހުޅުމާލެ އާއި މާލޭން ކަރަންޓް ކެނޑިއްޖެ

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނިތާ ގަޑިއިރުތަކެއް ތެރޭ ގްރޭޓާ މާލެ ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ދެނެގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓު ކެނޑެން މެދުވެރިވީ ކީއްވެ ކަމެއް އަދި ކަރަންޓު އަނބުރާ ދިނުމަށް ނަގާނެ ވަގުތެއް ސްޓެލްކޯ އަކުން ނުބުނެ އެވެ.

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން އަޕްގްރޭޑިން މަސައްކަތެއް ސްޓެލްކޯ އިން ފެށީ މިއަދު ދަންވަރު 3:00 ގައެވެ. އެ މަސައްކަތް ނިންމާލި ކަމަށް ސްޓެލްކޯ އިން ބުނީ މިއަދު ހެނދުނު 8:00 ގައެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށްފަހު އެކަން އަންގާނެ އެވެ.