ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއަށް ޑައިވިންއަށް ގޮސް އުޅެނިކޮށް މަރުވިު އިޓަލީގެ ޑައިވަރުން ތިބީ އެއް ހޮހަޅައެއްގައި ކަމަށާއި އެ މީހުންގެ އަތުގައި ސަލާމަތީ އެއްވެސް ވަސީލަތްތައް ފުރިހަމައަށް ނެތް ކަމަށް އެ މީހުންގެ ހަށިގަނޑުތައް އެ ހޮހޮޅައިން ނެގުމަށް ހަރަކާތްތެރިވި ޑޭން ޔޫރަޕުގެ ޑައިވަރަކު ހާމަކޮށްފި އެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި 60 މީޓަރު (197 ފޫޓު) ފުން ހޮހޮޅައިގެ ތެރެއިން މަރުވި ފަސް ޑައިވަރުންގެ ތެރެއިން ފުރަތަމަ މީހާގެ ހަށިގަނޑު ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ވަނީ ފެނިފަ އެވެ. ނަމަވެސް ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުން މައްޗަށް ނެގީ ފިންލޭންޑްގެ ޑައިވަރުންގެ ހާއްސަ ޓީމަކުން ކުރި ދިގު މަސައްކަތަށްފަހު އެވެ.
އިޓަލީގެ ’ލާ ރިޕަބްލިކާ‘ ނޫހަށް މަޢުލޫމާތު ދެމުން ފިންލޭންޑްގެ ޑައިވަރު ސާމީ ޕާއްކަރިނެން ބުނީ، ހަތަރު ޑައިވަރުންގެ ހަށިގަނޑުވެސް ފެނުނީ އެއްތަނަކުންނެވެ. އަދި އެ މީހުން ހޮހޮޅައިގެ ތެރެއަށް ވަދެފައިވަނީ މިފަދަ ނުރައްކާތެރި މާހައުލުތަކުގައި ބޭނުންކުރާ މަގުދައްކާ ވާގަނޑު (ގައިޑް ރޯޕް ނުވަތަ ރީލް) ނުލައި ކަމަށްވެސް ބުންޏެވެ.
ގައިޑް ރޯޕަކީ ކޭވް ޑައިވިންގައި މަގު އޮޅުމުން ސަލާމަތްވުމަށް އެންމެ މުހިންމު އެއްޗެވެ. އަދި އެ މީހުން ބޭނުންކުރި އާލާތްތަކަކީ ކަނޑުއަޑީގެ ހޮހޮޅެއްގެ ތެރެއަށް ވަނުމަށް ހާއްސަ ސާމާނު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯންއާއި ރިސާޗް ފެލޯ މުރިއެލް އޮޑެނީނޯ ހިމެނެ އެވެ. އެ ބޭފުޅުން ރާއްޖެއަށް އައީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިރުންތަކަށް ކުރާ އަސަރު ދިރާސާ ކުރުމަށެވެ. މީގެ އިތުރުން ޕްރޮފެސަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްއާއި ދާދިފަހުން ގްރެޖުއޭޓްވި ފެޑެރީކޯ ގުއަލްޓިއޭރީގެ އިތުރުން، ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ ވެސް މި ހާދިސާގައި ވަނީ މަރުވެފަ އެވެ.







