އީރާން އާއެކު ސުލްހަ ވާނީ އެމެރިކާގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ނަމަ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއާއި އީރާންއާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.

ސީބީއެސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އެމެރިކާ އާއި އިރާންގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތައް ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޔުރޭނިއަމްގެ މައްސަލައަށް ހިތްހަމަޖެހޭ ފަދަ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ދިނުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދައިފަ އެވެ.

ޓްރަމްޕް އިތުރަށް ބުނީ، އެމެރިކާ އިން ބޭނުންވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ އެއްބަސްވުމެއްގައި ނޫނީ އޭނާ ސޮއިނުކުރާނެ ކަމަށެވެ.

އީރާން އާއި އެމެރިކާއަކީ ޒަމާނުއްސުރެ ހަތުރުންނެވެ. އެ ދެ ގައުމުގެ ދެމެދު އިތުރަށް ހުޅުފަޅައިގެން ދިޔައީ މިދިިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ސަބަބުން ފެށުނު ހަނގުރާމައާ ހެދި އެވެ. ހަނގުރާމަ ފެށުނުތާ މާގިނަ ދުވަހެއް ނުވެ އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 ޕަސެންޓް ހިފައިގެން ދަތުރުކުރާ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުކޮށްފަ އެވެ. މިކަމާ ގުޅިގެން ބާޒާރުގައި ތެލުގެ އަގު އުފުލި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ.

މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް، އިސްލާމް އާބާދުގައި ވަނީ ސުލްހައިގެ މަޝްވަރާތަކެއްވެސް ބާއްވައިފަ އެވެ. ނަމަވެސް އެ މަޝްވަރާތައް ނިމިގެން ދިޔައީ އެއްވެސް ކޮޅެއްގައި ނުޖެހި އެވެ.