ވައިޓް ހައުސްގެ ޗެކްޕޮއިންޓަކަށް ހަމަލާދިން މީހަކު މަރާލައިފި އެވެ.
އިއްޔެ ހިނގި މި ހާދިސާގައި މަރާލާފައިވަނީ އުމުރުން 21 އަހަރުގެ ނަސީރު ބެސްޓް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ވަނީ ވޮޝިންގްޓަން ޑީސީގެ 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއުގެ ސީކްރެޓް ސާވިސްގެ ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ކައިރިވެ، އޭނާގެ ދަބަހުން ބަޑިއެއް ނަގައި އެ ތަނުގައި ތިބި އޮފިސަރުންނަށް ހަމަލާދީފަ އެވެ.
ސީކްރެޓް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ބެސްޓް އެ ސަރަހައްދަށް އައީ ބަޑި ދަބަހަށްލާ ފޮރުވައިގެން ކަމަށާއި އޭނާ ހަމަލާ ދޭން ފެށުމާއެކު އެޖެންޓުން ދިން ރައްދު ހަމަލާތަކުގައި އޭނާ މަރުވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ވައިޓް ހައުސްގެ ތެރޭގައި ކަމަށާއި އޭނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ މާކްވޭން މުލިން ވަނީ، ކަމާބެހޭ އިދާރާތަކުން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި މިއީ ގާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ ނުރައްކާތައް ހަނދާން ކޮށްދޭ ހިތާމަވެރި ހާދިސާއެއް ކަމަށްވެސް އޭނާ ބުންޏެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރާލި ނަސީރު ބެސްޓަކީ މީގެ ކުރިން 2025 ވަނަ އަހަރުގެ ޖުލައި މަހު ވެސް ވައިޓް ހައުސްއަށް ވަންނަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށް، ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް ފޮނުވާލާފައިވާ މީހެކެވެ.







