ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެންނެގޭވެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން މި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ ކެމްޕޭން އިފުތިތާހުކުރަން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ތިބީ އެމްޑީޕީ އާއެކު ނޫން ކަމަށާއި ރައްޔިތުން ތިބީ ރައީސް ޑރ. މުއިއްޒާއި މި ސަރުކާރާއެކުގައި ކަމަށެވެ.
”އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހަމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ރައްޔިތުން ހައްލަން ރައްޔިތުން ވާވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.







