ބަލިތައް އިތުރުވާތީ އީދު ބަންދުތެރޭ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ތ. ދިޔަމިގިލީގައި ކުރިއަށްދިޔަ އީދު ބޮޑު ކެއުމުގެ ތެރެއިން --

އީދު ބަންދާ ދިމާކޮށް ބަލިތައް އިތުރުވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން، އަރިދަފުސް ރޯގާ، އަދި އިންފްލުއެންޒާ ފެންނަ މިންވަރު އާންމު ހާލަތަށްވުރެ އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކާތީއާއި، މާލޭ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓުކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުން ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ނުހަނު މުހިންމު ކަމަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ކުރިއަށް އޮތީ ބޮޑުއީދު ބަންދުގެ ދުވަސްވަރު ކަމަށްވުމުން ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވެ، އާއިލާތަކާއި ރައްޓެހިންގެ ގެތަކަށް ޒިޔާރަތްކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް ދިއުން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެންމެހައި ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅައި އިލްތިމާސްކޮށްފައެވެ.

އެގޮތުން ހުން އައުން ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަން ހުރިނަމަ، ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށާއި، އާންމުކޮށް މީހުން އެއްވެއުޅޭ އެކިއެކި ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެޗްޕީއޭ އިން އިރުޝާދުދެއެވެ. އަދި ބަލި ޖެހިގެން ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ސިއްހީ ފަރުވާ ހޯދަންދާއިރު މާސްކު އެޅުމުގެ އިތުރުން، ބަލިމީހުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ވަނީ އެދިފައެވެ. ހަމައެއާއެކު ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދާފައިވާނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ބައްދަލުނުކޮށް އެކަހެރިވެގެން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީގެ އިތުރުން އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް އަދި އާންމު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި އުޅޭއިރު، އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާނޭހެން މާސްކު އެޅުމަށާއި، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. ބަލިތަކުން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރުވިޔަނުދިނުމަށްޓަކައި، ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ބަލިތަކަށް ހާއްސަ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތަކުން ސަލާމަތްވުމަށްޓަކައި، މަދިރި ހެފުމުން ރައްކާތެރިވުމަށް IR3535، DEET ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމާއި، ހަށިގަނޑު ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުމާއި، ނިދާއިރު މަދިރިގެ ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި ގޭގޭގެ ދޮރުތަކާއި ކުޑަކޮށްޓުތަކުގައި މަދިރިއަށް ނުވަދެވޭނޭހެން ދާ ޖެހުމަށާއި، ގެއާއި ގޯތިތެރޭގައި މަދިރި އުފެދި އާލާވާނޭހެން ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ހޯދައި ގަވާއިދުން ނައްތާލުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅައިފައެވެ.