މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫއިން ދެ މީހަކު ހައްޔަރުކޮށްފި 

ސ. ހުޅުމީދޫ -- ފޮޓޯ: ހާމިދު އަހުމަދު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. ހުޅުމީދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަސްތުވާތަކެތި ހިފައިގެންދާކަމުގެ މައުލޫމާތު ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މިރާޒް / ސ. މީދޫ، އީޖާޒް ނައީމް (43އ) އާއި ގުޑްލަކް / ސ. ހިތަދޫ، އަބްދުﷲ އަމީލު (41އ) އެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 209 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.