ރާއްޖޭން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން، އެކަކު ފިޔަވައި ހުރިހާ ހާޖީން އަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ
ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ދިޔަ ހުރިހާ ދިވެހިން އަރަފާތަށް ދިއުމަށް ސައުދީ ގަޑިން ރޭ 9 ޖެހިއިރު ދަތުރު ފަށާފައިވާއިރު ޝަހީމް މިއަދު ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މި ވަގުތު އަރަފާތު ބިމަށް ނުދެވި ވަނީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ހާޖީއަކަށް ކަމަށެވެ.
”އިންޝާﷲ، އެ ބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެ ބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްހަމްދު ލިﷲ،“ ޝަހީމް ވިދާޅުވި އެވެ.
ނަމަވެސް އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ ކީއްވެގެން ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.
ހައްޖު މަހުގެ ނުވަ ވަނަ ދުވަހު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ މަތިވެރި ފަރުޟުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތު ބިމުގައި، އަޅުކަމުގައާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރާނެ އެވެ. މިއީ ކޮންމެ އަހަރެއް ވެސް އެންމެ ދުވަހަކު އިންސާނުން އަރާ ފުރާލާ ވަރަށް ހާއްސަ ބިމެކެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ރާއްޖެއިން 1،025 މީހުން ހައްޖުގެ އަޅުކަމަށް ގޮސްފައިވާއިރު، ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ އެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.







