ޝަހުޒާންގެ ވާހަކަތައް ހޯމް މިނިސްޓަރު އިޙްސާން ދޮގުކޮށްފި

ހޯމް މިނިސްޓަރު އަލީ އިހުސާން

ޝަހުޒާންގެ ވާހަކަތައް ހޯމް މިނިސްޓަރު އިޙްސާން ދޮގުކޮށްފިއެވެ.

ހޯމް މިނިސްޓަރު އަލީ އިޙްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 15 މޭ 2026 ވީ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، އެ ރޭގެ ރޭގަނޑު 19:35 ގައި ކަރެކްޝަންސްގެ އޮފިސަރުން ވަނީ ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅިއަށް ވަދެފައެވެ. އަދި އެ ދެ މީހުންގެ ހާޒިރުގައި އެ ގޮޅި ބަލައި ފާސްކުރިއިރު، ގޮޅީގައި ހުރި ކަބަޑުތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ފެނުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން، މިނިސްޓަރ ވިދާޅުވީ ޖަލުގައި ތިބޭ އެހެންގައިދީންނާ މެދުވެސް މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުން، އެ ދެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ވަކި ދެ ގޮޅިއަކަށް ބަދަލުކުރިކަމަށެވެ. އަދި އެއަށްފަހު ވެސް، ޖަލުގައި ކުރިންވެސް ކަންކަން ކުރަމުންދިޔަ ފަދައިން، އެ ގޮޅިތައް ވަނީ ވަކި އިންޓަވަލްތަކެއްގައި ބަލައި ފާސްކޮށްފައިވާކަމަވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ވަކި ގާއިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރި ކަމެއް ނޫނެވެ. އަދި ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަން ނޫން ކަމަށާއި، އޭނާގެ ވަޒީރުކަމުގެ ދައުރުގައި ރައީސް ދުވަހަކުވެސް ޖަލުގެ މިފަދަ ކަމަކާ ގުޅިގެން އެއްވެސް މިންވަރެއްގެ އިރުޝާދެއް ދެއްވާފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަފާތު ތިން ނޫސްވެރިއަކު ވަކިވަކިން ގުޅައި، އެ ދެ ގައިދީން އެކަނި ގޮޅިއެއްގައި ތިބި ކަމަށް ބުނެ ސުވާލުކުރުމުން އެކަން ސާފުކޮށްދީ، މި ހުރިހާ ވާހަކައެއް އެ ބޭފުޅުންނަށް ކިޔައިދެއްވި ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް ބޭފުޅަކު މި ވާހަކަ ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ޚަބަރެއް ލިޔެފައިވާތަން ފެނިވަޑައިނުގަތް ކަމަށާއި އެދުވަހު ނޫސްވެރިން އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިން ނަމަ، ޝަހުޒާން އެ ހެދީ ދޮގުކަން ސާފުވީސް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޝަހުޒާން ބުނެފައިވަނީ އޭނާ ޖަލަށްލާފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަކަށް ކަމަށެވެ. އަދި އޭނާ ޖަލުގައި ބަންދުކޮށްފައި ހުރި ދުވަސްވަރު ކޮންމެ ރޭގަނޑަކު ފުލުހުންނާއި އެހެނިހެން ފަރާތްތަކުން އޭނާގެ ގޮޅިއަށް ވަންނަ ކަމަށާއި އަދި އޭނާއަށް ބިރުދެއްކުމުގެ ގޮތުން، މަރުތޭލާއި، ދަގަނޑު ހަތިޔާރު ބޭނުންކޮށްގެން އޭނާގެ އެނދާއި ގޮޅީގެ ފާރުތައް ހަލާކުކުރަމުން ދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.