ފަސް ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވެގެން!

ކަނޑުއަޑީގެ ހޮހޮޅައިގައި މަރުވި މީހުންގެ ހަށިގަނޑުތައް ނެގުން -- ފޮޓޯ: ޑޭން ޔޫރަޕް

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާ ކަމަށްވާ، ވ. އަތޮޅު ކައިރީގައި އޮންނަ ފުން ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިއަކު މަރުވި ހާދިސާގެ އޮޓޮޕްސީ ރިޕޯޓުން، އެ ޑައިވަރުން މަރުވީ އޮކްސިޖަން ނުލިބުމުގެ ސަބަބުން ގެނބިގެން ކަމަށް ދައްކައިފިއެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހުގެ ކުރީކޮޅު ހިނގި މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުން ބޭރުފުށުގެ އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އަދި މިއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެއް ވެސް ފެނިފައެއް ނުވެއެވެ.

ޕްރިލިމިނަރީ ތަހުގީގުތަކުން ލަފާކުރެވޭ ގޮތުގައި، އެ މީހުން މަރުވީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ތާށިވެ، ނުވަތަ މަގު އޮޅުމުގެ ސަބަބުން ކުއްލިއަކަށް އޮކްސިޖަން ހުސްވެގެންނެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިފަދަ ގޮތަކަށް އެއްފަހަރާ މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ހާދިސާއެވެ.

މި ހާދިސާގައި މަރުވެފައިވަނީ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން، މެރިން ބަޔޮލޮޖިސްޓް ފެޑެރީކޯ ގުއަލްޓިއޭރީ އާއި ރިސާޗަރު މިއުރިއެލް އޮޑެނީނޯ އަދި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ. މި މީހުންނަކީ ކަނޑުއަޑީގެ ދިރުންތަކާ ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކުރަމުން އައި ތަޖުރިބާކާރުންގެ ޓީމެކެވެ.

އެ މީހުން ފީނާފައިވަނީ ވ. އަތޮޅު ދެކުނު ކަނޑުގައި އޮންނަ ފުން ހޮހަޅައަކަށެވެ. މިއީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 50 މީޓަރާއި 60 މީޓަރާ ދެމެދުގެ ފުންމިނެއްގައި އޮންނަ ހޮހަޅައެކެވެ. މިއީ ރާއްޖޭގައި އާންމުކޮށް މުނިފޫހިފިލުވުމަށް ޑައިވްކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މާ ފުން ހިސާބެކެވެ. އާންމު ގޮތެއްގައި ރެކްރިއޭޝަނަލް ޑައިވިންގައި ފީނުމަށް ހުއްދަ އޮންނަނީ 30 މީޓަރާ ހަމައަށެވެ. ކަނޑުއަޑީގެ ހޮހަޅަތަކަށް ފީނުމަކީ އާންމު ޑައިވިންއާ ހިލާފަށް ވަރަށް ބޮޑަށް ތަމްރީނާއި ހާއްސަ ސާމާނު ބޭނުންވާ ކަމެކެވެ. މިފަދަ ތަންތަނަށް ފީނާއިރު، އަލިކަން ކުޑަވުމާއި، ވަންނަ މަގު ފިޔަވައި އެހެން މަގަކުން ބޭރަށް ނުކުމެވެން ނެތުމަކީ ޑައިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ތަޖުރިބާކާރުން ބުނި ގޮތުގައި، އެ މީހުންނަށް މަގު އޮޅުނީ ސީދާ ބޭރަށް ނުކުމެވޭނެ މަގެއް ނެތް ހުސް ޖާގައަކަށް ވަދެވުމުން ކަމަށް ބެލެވެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ، ކަނޑުއަޑީގެ ލޮނުގަނޑު ކިލަނބުވުމާއި، ހާސްވުމުގެ އިތުރުން ގޭސް މެނޭޖްކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މި ހާދިސާ ހިނގަން މެދުވެރިވިތޯ ބަލަމުންނެވެ. ހޮހަޅައިގެ އެތެރޭގައި އަނދިރިކަން ބޮޑުވުމާއި، އޮއިވަރު ހުރި ގޮތުން ޑައިވަރުންނަށް ބޭރަށް ނުކުންނާނެ މަގު ހޯދަން ދަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މީހުން ހޯދުމުގެ މަސައްކަތްކުރި ޓީމުތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮހަޅައިގެ ތެރެއިން ފެނުނު ބައެއް ޑައިވަރުންގެ އޮކްސިޖަން ޓޭންކުތައް ހުރީ ގާތްގަނޑަކަށް އެއްކޮށް ހުސްވެފައެވެ. މިއިން ދޭހަވަނީ އެ މީހުން ސަލާމަތްވުމަށް ގިނަ ވަގުތުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކަމެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ، ސަލާމަތީ ގަވާއިދުތަކާ ނުވަތަ ޑައިވްކުރުމުގެ އުސޫލުތަކާ ހިލާފުވެފައިވޭތޯ ބެލުމަށްޓަކައި މީހަކު މަރުވުމުގެ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. މި ތަހުގީގުގައި، ހާދިސާ ހިނގި ސަރަހައްދުން ފެނުނު ޑައިވިން ސާމާނާއި، ކަނޑުއަޑީގެ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި، މޯބައިލް ފޯނުތަކުގެ އިތުރުން އެހެނިހެން އިލެކްޓްރޯނިކް އާލާތްތައް ތަހުގީގުކުރާ ފަރާތްތަކުން ދަނީ ބަލަމުންނެވެ. ހާއްސަ ގޮތެއްގައި ޑައިވް ކޮމްޕިއުޓަރުތަކުން ލިބޭ މައުލޫމާތުގެ އަލީގައި، އެ މީހުން ފީނާފައިވާ ފުންމިނާއި، އެތަނުގައި ހޭދަކުރި ވަގުތު ފަދަ މުހިންމު ތަފްސީލުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އެ މީހުން ބޭނުންކުރި ގޭސް މިކްސްޗަރަކީ އެ ފުންމިނަށް އެކަށީގެންވާ އެއްޗެއްތޯއާއި، ރެގިއުލޭޓަރު ފަދަ އާލާތްތަކަށް އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ވެސް ތަހުގީގު ޓީމުން ދަނީ ބަލަމުންނެވެ. އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެއެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރެއް ވެސް ވަނީ ނިޔާވެފައެވެ. މި އޮޕަރޭޝަންގައި ބައިވެރިވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވީ، ފުން ހިސާބަކަށް ފީނުމަށްފަހު މައްޗަށް އެރުމުގައި ދިމާވާ ސިއްހީ މައްސަލައެއް ކަމަށްވާ ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުންނެވެ.

ކަމާބެހޭ އިދާރާތަކުން ފާހަގަކުރި ގޮތުގައި، މިހާތަނަށް ލިބިފައިވާ އޮޓޮޕްސީގެ ނަތީޖާތަކަކީ ހަމައެކަނި ޕްރިލިމިނަރީ ހޯދުންތަކެކެވެ. މި މައްސަލައިގެ ފުރިހަމަ ފޮރެންސިކް ރިޕޯޓާއި ޓޮކްސިކޮލޮޖީ ނަތީޖާތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެއެވެ. ޓޮކްސިކޮލޮޖީ ރިޕޯޓުން، އެ މީހުންގެ ހަށިގަނޑުގައި އެއްވެސް ބާވަތެއްގެ ވިހަ މާއްދާއެއް ނުވަތަ މަސްތުވާތަކެއްޗެއް ހުރިތޯ ކަށަވަރުކުރެވޭނެއެވެ. އެ ރިޕޯޓުތައް ލިބުމުން، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ހާމަވެ، އިޓަލީގެ ޕްރޮސެކިއުޓަރުން ކުރިއަށްގެންދާ ތަހުގީގަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ފުރަތަމަ ހަރަކާތްތެރިވީ އެމްއެންޑީއެފްގެ ޑައިވަރުންނެވެ. ނަމަވެސް ފަހުން އެމީހުންގެ ހަށިގަނޑުތައް ނަގާފައިވަނީ އިޓަލީ ސަރުކާރުން ފޮނުވި ފިންލެންޑް ޑައިވަރުންގެ ޓީމުންނެވެ.