ވޯލްޑް ކަޕް ބެލުމަށް ދަތުރުކުރުން ޔޫކޭގެ 2،300 އަށްވުރެ ގިނަ ސަޕޯޓަރުންނަށް މަނާ

އިނގިރޭސި ސަޕޯޓަރުންތަކެއް --

ފީފާ ވޯލްޑް ކަޕް 2026 ބަލައިލުމަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ދަތުރުކުރުން، އެކި ކުށްތަކުގެ ސަބަބުން ބޭންކޮށްފައިވާ އިނގިރޭސިވިލާތުގެ 2،300 އަށްވުރެ ގިނަ ސަޕޯޓަރުންނަށް މަނާކޮށްފިއެވެ.

ފުޓްބޯޅަ މެޗުތަކުގައި ހަމަނުޖެހުން ހިންގުމާއި، މަސްތުވާތަކެތި ގެންގުޅުން އަދި ޓިކެޓްގެ ވިޔަފާރީގައި ގަވާއިދާ ހިލާފު އަމަލުތައް ހިންގުމުގެ ސަބަބުން ’ފުޓްބޯލް ބޭނިން އޯޑާސް (އެފްބީއޯ)‘ ލިބިފައިވާ މި ފަރާތްތަކުން، މުބާރާތަށް ދަތުރުކުރުން ހުއްޓުވުމުގެ ގޮތުން އެމީހުންގެ ޕާސްޕޯޓުތައް ފުލުހުންނާ ހަވާލުކުރުމަށް އަންގާފައިވެއެވެ.

އިނގިރޭސި ސަރުކާރުގެ ކްރައިމް އެންޑް ޕޮލިސިން މިނިސްޓަރު ސާރާ ޖޯންސް ވިދާޅުވި ގޮތުގައި، ގިނަ ސަޕޯޓަރުންނަކީ ގައުމީ ޓީމަށް ތާއީދުކުރުމަށް ޒިންމާދާރުކަމާއެކު ދަތުރުކުރާ ބައެއް ނަމަވެސް، މީގެ ކުރިން ހަމަނުޖެހުން ހިންގާފައިވާ މަދު ބަޔަކަށް މި މުބާރާތުގައި ޖާގައެއް ނެތެވެ.

މި ފަރާތްތަކުގެ ޕާސްޕޯޓުތައް ވޯލްޑް ކަޕްގެ ފައިނަލް މެޗު ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނާނެއެވެ. މި އަމުރާ ހިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއަކާއެކު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ވޯލްޑް ކަޕް ބެލުމަށް އިނގިރޭސިވިލާތުން 65،000 އެއްހާ ސަޕޯޓަރުން ދަތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ.