ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު އިންތިހާބުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު ---

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އިންތިހާބުކޮށްފި އެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މެންބަރު ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާއަކީ އެ ކޮމިޝަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މެންބަރެވެ.

ޖޭއެސްސީގެ ނައިބު ރައީސް ހޮވަނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މާޗް 2025، ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ޝަހީދު ޖޭއެސްސީއަށް އައްޔަން ކުރެއްވީ އެ އަހަރުގެ އޭޕްރިލް މަހު އެވެ. އެއީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ފަނޑިޔާރު ޝަހީދަކީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު ޝަހީދު ވަނީ މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލްއެލްބީ ހާސިލުކުރައްވައިފަ އެވެ.