60 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއިން މަސްކާ ފަނީގެ ކޭސްއެއް ފެނިއްޖެ، ގައުމު އެލާޓަށް!

ކޯލްޑް ބްލަޑަޑް ޖަނަވާރުންގެ މަސްކާ ނުރައްކާތެރި ފަންޏެއް ކަމަށްވާ، "ނިއު ވޯލްޑް ސްކްރޫވޯމް" ތަކެއް ---

ކޯލްޑް ބްލަޑަޑް ޖަނަވާރުންގެ މަސްކާ ނުރައްކާތެރި ފަންޏެއް ކަމަށްވާ، ”ނިއު ވޯލްޑް ސްކްރޫވޯމް“ (އެންޑަބްލިއުއެސް)ގެ ކޭސްއެއް، 60 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާ އިން ފެނިއްޖެ އެވެ.

މި ނުރައްކާތެރި ފަނި އެމެރިކާ އިން އެންމެ ފަހުން ފެނިފައިވަނީ 1966 ވަނަ އަހަރު އެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި މެކްސިކޯގައި މި ފަނި ފެތުރޭ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އެ ފަނީގެ އަސަރު ފޯރުން ލަސްކުރުމަށް އެމެރިކާ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ (ޔޫއެސްޑީއޭ) އިން ވަނީ އެ ފަނީގެ ކޭސްއެއް ޅަ ގެރިއަކުން ފެނިފައިވާކަން އިއްޔެ ހާމަކޮށްފަ އެވެ.

މި ކޭސް ފެނިފައިވަނީ އެމެރިކާ-މެކްސިކޯ ބޯޑަރާ ގާތްގަނޑަކަށް 30 މޭލު (48 ކިލޯމީޓަރު) ދުރުގައި އޮންނަ ޓެކްސަސްގެ ލާ ޕްރަޔާ ނަމަކަށް ކިޔާ ރަށަކުންނެވެ.

ސްކްރޫވޯމް އަކީ ޖަނަވާރުންގެ ހަށިގަނޑުގައި ހުންނަ ފާރުގަނޑުތަކާއި ތެތް ދުލިފަށްތަކުގައި ބިސްއަޅާ ފަންޏެކެވެ. މި ބިސްތައް ފީވެގެން ނުކުންނަ ސަތޭކަވަރަކަށް ފަނިތައް، އެ ސޮރުމެންގެ ތޫނު އަނގައިން ދިރިހުރި މަސްތައް ކަމުން ހަށިގަނޑުގެ އެތެރެއަށް ވަދެ އެވެ. އަދި ފަރުވާ ނުދެވިއްޖެނަމަ، އެ ޖަނަވާރު މަރުވެ އެވެ.

މި ފަނި އިންސާނުންނާއި ގޭގައި ގެންގުޅޭ ޖަނަވާރުންގެ ހަށިގަނޑަށް ވެސް އަރަ އެވެ. ނަމަވެސް ފަނީގެ ސަބަބުން އިންސާނުންނަށް އޮތް ނުރައްކާ ކުޑަ އެވެ. އަދި އިންސާނުންގެ ގައިން މި ފަނި ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ފަނި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ ޖަނަވާރުން އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ސަބަބުން ކަމަށްވާތީ، ޔޫއެސްޑީއޭ އާއި ޓެކްސަސްގެ ކަމާބެހޭ ފަރާތްތަކުން ދަނީ 20 ކިލޯމީޓަރުގެ ސަރަހައްދެއް ކަރަންޓީނުކޮށް ބަލަމުންނެވެ. އަދި ޖަނަވާރު ގެންގުޅޭ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް، ޓެކްސަސްގެ އެގްރިކަލްޗާ ކޮމިޝަނަރު ސިޑް މިލާ ވަނީ އެމެރިކާ ސަރުކާރުގެ ފިޔަވަޅުތަކަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުމުގެ ބަދަލުގައި، ޔޫއެސްޑީއޭ އިން މަސައްކަތް ފެށީ މާ ލަހުންނެވެ.