ސޯބެގެ ކެމްޕެއިން ނިންމާ ޖަލްސާ މިރޭ އައްޑޫގައި، ދެ ރައީސުން ބައިވެރިވާނެ

މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ކުރީގެ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދާއެކު ---

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާ މިރޭ އައްޑޫ ސިޓީގައި އޮންނާނެ އެވެ.

ހިތަދޫ ސްކޫލްގައި މިރޭ 20:30 ގައި ފަށާ މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ދެ ރައީސުންގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ގިނަ ބޭފުޅުންވެސް މިރޭގެ ޖަލްސާގައި ބައިވެރިވާނެ އެވެ.

މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައިވެސް ނަޝީދާއި ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ސޯބެ އާއި ވާދަކުރަނީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ)ގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

އެ ގޮނޑި އަނބުރާ ހޯއްދެވުމަށް ޕީއެންސީގެ ޕްރައިމަރީ ސިނާ ކާމިޔާބު ކުރެއްވި އެވެ. އޭނާއާ ވާދަކުރެއްވީ އެ ދާއިރާއަށް ޕީއެންސީން ވާދަކުރާ ސޮޑާ އެވެ. ނަމަވެސް ފަހުން ސިނާ ވަނީ ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވައިފަ އެވެ. ސަބަބެއް ކަމަށް އޭނާ ބުނީ، އެއީ އިންތިހާބު ކާމިޔާބުކުރަން ޕާޓީއަށް އެންމެ ފަހި ގޮތް ކަމަށް ގަބޫލުކުރާތީ ކަމަށެވެ.