ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ތިބީ އެ ޕާޓީ ދޫކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ, ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމާލުމަށް އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ, އެ އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ތެރޭގައި މިނިވަންކަމާއެކު ރައްޔިތުންގެ އަޑު އުފުލޭނެ މިނިވަންކަމެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރަކުން ރައްޔިތުންނަށް ވައުދުތަކެއް ވެގެން އައިސް, އެ ވައުދުތައް ނުފުއްދާނަމަ އެ ޕާޓީ ދޫކޮށް ދެވެން ޖެހޭނެ ކަމަށާއި ފަސް އަހަރު ތަޅުއަޅުވައި ހުންނާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ގުޅި, ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު. ތިމަންނައާ އެކީގައި އެބަ ތިއްބޭ މިތައް މިތައް މެންބަރުންނެއް. މިއީ ސަރީހަ ތެދު ވާހަކައެއް މި ދަންނަވަނީ. މި ވަގުތުވެސް މި ތިބީ ޕީއެންސީ ދޫކޮށް ނުކުމެ, މި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަން ތައްޔާރަށޭ. އަޅުގަނޑު ކައިރީގައި ވިދާޅުވީ, ތިމަންނަމެންނަށް ޔަގީންކަމެއް ތި ބޭފުޅުން ދެއްވަބަލާށޭ. އެ އިޝާރާތްކުރީ އަޅުގަނޑަށާއި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތްތަކެއް ފައްޓަވައިފީމެއް ނޫންހޭ. ތިމަންނާމެން ޕާޓީ ދޫކޮށްފައި ނުކުތީމައި, ގޮނޑި ގެއްލުނީމާ, އެ ގޮނޑި ތިމަންނަމެންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މި ތިބީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުންނާށޭ,“
ރައީސް ސޯލިހު ވިދާޅުވީ, މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ނުވަތަ އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކުރައްވައި ވަޑައިގަންނަވަން ކަމަށެވެ.


