2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރުމަށް އެ މަނިކުފާނަށް ކުރެއްވުނު ހުރިހާ ކަމެއް ކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ދެވަނަ ދައުރެއް ނުލިބުނީ ނަޝީދުއާ ނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގެންގުޅުނު އީގޯއެއްގެ ސަބަބުން ކަމަށް އިބޫއަށް ވަރަށް ވަފާތެރި މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކަތަކުގެ ވީޑިއޯއެއް އެކްސްގައި ޕޯސްޓް ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަމަވެސް މިއީ އެފަދަ ވާހަކައެއް ނަޝީދު ވިދާޅުވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ ރޭހުގައި ދެ ފެކްޝަންގެ ވާދަވެރިކަން ވަނީ ބޮޑުވެފައިވާއިރު, އަމީރު މިހާރު ހުންނެވީ ނަޝީދުއާއި އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ފެކްޝަނާއެކު އެވެ.
އަމީރުގެ ރަށް ގދ. ގައްދޫގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ, ނަޝީދު އާއެކު ކުރިއަށް ދިޔަ ނަަމ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތް ކަމަށެވެ. އެ މަޝްވަރާތަކަށް ނަޝީދުގެ އަރިހަށް އެންމެ ފުރަތަމަ ދިޔަ މީހުންގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށާއި އެ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވުނު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ, އެހެން އެކަން އޮއްވައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ރޫހު އޮތީ ނަޝީދާ ނުލައި ކުރިއަށްދާން ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ ހަޔާތުގައިވެސް ނިންމާނެ އެންމެ ހިތާމަވެރި ނިންމުން ކަމަށާއި އެކަމާ ފަހުން ދެރަވާނެ ކަމަށް އޭނާއާއި ފައްޔާޒު ފާހަގަކުރެއްވި ކަމަށް އަމީރު ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރުގައި ގުޅިގެން ކުރިއަށްދާން ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ޕީއެންސީ އާއެކު ބައްދަލުވުންތަކެއް ބޭއްވި އެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ނިންމީ ދެވަނަ ބުރުގައި އެއްވެސް ފަރާތަކަށް ތާއީދު ނުކުރާށެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމުން ސަރުކާރާ އެކު ވެސް ޑިމޮކްރެޓްސް އިން ޕާޓީ މަޝްވަރާތައް ބޭއްވި އެވެ.


