މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނުނު ފުލުސް މީހާގެ ފޮޓޯއާއި ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީީ ސީނިއާ ސާޖަންޓް އަހުމަދު އާސިފެވެ. ރަށެއް އަދި އުމުރެއް ފުލުހުން ހާމަ ނުކުރި ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އާސިފަކީ ހއ. އުލިގަމަށް އުފަން 33 އަހަރުގެ މީހެކެވެ.
އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ދަންވަރު ވަގުތެއްގައި ’ޕޮލިސް ލޯންޗު 57‘ ގައި ޑިއުޓީގައި ހުއްޓާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިންނެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު މޫދު އަޑިން ނަގައިގެން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނިޔާވި ފުލުސް މީހާގެ ފޮޓޯއާއި ވަނަވަރު ފުލުހުން ހާމަކުރި ނަމަވެސް އޭނާ ޑިއުޓީގައި ހުރި ލޯންޗު އަޅާފައި އޮތީ ކޮންތަނެއްގައި ކަމާއި އެ ލޯންޗުގައި ޑިއުޓީގައި ތިބީ ކިތައް ފުލުހުން ކަމެއް އަދި ނިޔާވި ފުލުސް މީހާ މޫދަށް ވެއްޓުނީ ކިހިނެތް ކަމެއް އަދި ނޭނގެ އެވެ.


