މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލުގެ ރައީސްގެ އިންތިހާބުގައި ހިމެނޭ ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލު ކުރަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
ވޭވަށު ކައުންސިލުގެ ރައީސް ކަމަށް ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު އާއި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ނަޝީމެވެ.
އެ އިންތިހާބުގެ މައްސަލަ ބޮޑުވީ ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލި އިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެ ނިންމުމުގެ ސަބަބުން އެ އިންތިހާބުގައި ދެ ވޯޓުގެ ތަފާތަކުން ކުރި ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަންއަށެވެ.
ނަމަވެސް އިންތިހާބުގައި ދެލިތިކިތަކެއް ހުރި ތިން ވޯޓެއް ކަރުދާހެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ޕީއެންސީގެ ކެންޑިޑޭޓް ނަޒީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެ ކޮމިޝަނުން ބުނީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމަކަށްވާތީ އެ ވޯޓުތައް ބާތިލު ނުވާނެ ކަމަށެވެ.
އެ މައްސަލަ ނަޒީހުގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުން ކުރިން ހުކުމް ކުރީ އެ މައްސަލައިގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭ ފަދަ ފާހަގަތަކެއް ކަމަށާއި އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށެވެ.
ހައިކޯޓު އެ ހުކުމާއެކު އެ ތިން ވޯޓު ކަރުދާސް ބާތިލުކަމަށް ކަނޑައެޅުމުން އިންތިހާބުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ. އެހެންވެ، އެ ހުކުމް އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، މި މައްސަލައިގެ ހުކުމް އިއްވަވަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ، އިންތިހާބުތަކުގެ އާންމު ގާނޫނުގެ 56 ވަނަ މާއްދާއަށް ބަލާއިރު ވޯޓު ކަރުދާހުގައި، އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައި ނުވާ ލިޔުމެއް ލިޔެފައިވާ، ނުވަތަ ކުރެހުމެއް ކުރަހާފައިވާ ކޮންމެ ވޯޓަކީ ބާތިލު ވޯޓެއްކަން އެނގޭ ކަމަށެވެ.
ނަމަވެސް އީސީން ވޯޓު ކަރުދާސް ޗާޕް ކުރާއިރު ލިޔެފައިވާ ލިއުންތަކާއި ކުރަހާފައިވާ ނުވަތަ ކުރެހިފައިވާ ކުރެހުންތަކަކީ، އެ ވޯޓު ބާތިލު ވޯޓެއްގެ ގޮތުގައި ގުނޭނެ ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރު އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ވޯޓު ކަރުދާހުގެ ފޮޓޯއަށް ބަލާއިރު ފޮޓޯތަކުގައިވާ ތިން ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހާފައިވަނީ ނޫކުލައިން ކަމަށާއި އެ ވޯޓު ކަރުދާސްތަކުގައި ހުރި ކަމަށް ބުނާ ތިކިތައް ނުވަތަ ފާހަގަތައް ހުރީ ކަޅު ކުލައިން ކަމަށެވެ. އަދި ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ކަޅު ކުލައިގެ ގަލަންފަދަ އެއްޗެއް ވައްދައިގެން އެކަމުގެ ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
”އެހެންކަމުން މި މައްސަލައިގައި ވާހަކަދެކެވޭ ތިން ވޯޓު ކަރުދާސްކޮޅުގައި ހުރި ތިިކިތަކަކީ ނުވަތަ ފާހަގައަކީ ވޯޓުލާ މީހާ އަމިއްލައަށް، ގަސްތުގައި ކޮށްފައިވާ ކަމެއްކަމުގެ ނަތީޖާ ކަމަށް ގަބޫލު ނުކުރެވޭ އިރު، ނަޒީހުގެ ފަރާތުން ބުނެފައިވާ ފަދައިން ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގައި ވޯޓުދިން ފަރާތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން ކޮންމެސް ގޮތަކުން ގަސްތުގައި ޖަހާފައިވާ ފާހަގަތަކެއްކަަމަށް ބުނެވޭފަދަ ހެތްކެއް ދެއްކިފައިނެތް،“ ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ހައިކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލްކުރީ ކަމަށް ހުކުމް އިއްވަވަމުން ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ، ހައިކޯޓުގެ ހުކުމް ގާނޫނީ އުސޫލުތަކާ އެއްގޮތް ނުވާތީ އެ ހުކުމް ބާތިލު ކަމަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަމީދުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމާ އެކު، އިންތިހާބު ކާމިޔާބު ވާނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަމްއަށެވެ.


