ވޯލްޑް
ކަޕް

އެމްބާޕޭއަށް އަމާޒުވާ ފާޑުކިޔުންތައް ”މާ މައްޗަށް“ ހިނގައްޖެ: ޑެމްބެލޭ

ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އުސްމާން ޑެމްބެލޭ -- ފޮޓޯ: ގެޓީ

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަކީ ވަރަށް ބޭއިންސާފުވެރި އަދި ހައްދުން ނައްޓާފައިވާ ފާޑުކިޔުންތަކެއް ކަމަށް އެ ޓީމުގެ ފޯވާޑް އުސްމާން ޑެމްބެލޭ ބުނެފިއެވެ.

ވޯލްޑް ކަޕް 2026 އަށް ތައްޔާރުވަމުންދާ ފްރާންސް ޓީމުގެ ފަރާތުން ވާހަކަދައްކަމުން ޑެމްބެލޭ ބުނީ، އެމްބާޕޭއަކީ ދަނޑުމަތީގައި މޮޅު ކުޅުންތެރިއެއް ކަމަށާއި ދަނޑުން ބޭރުގައި ވެސް ވަރަށް ރަނގަޅު އިންސާނެއް ކަމަށެވެ. އަދި އޭނާގެ ކުދިކުދި އަމަލުތަކަށް ވެސް މީހުން މާ ބޮޑަށް ފާޑުކިޔަމުންދާ ކަމަށާއި، މިއީ އޭނާއަކީ ކިލިއަން އެމްބާޕޭ ކަމަށްވާތީ ކުރާ ކަމެއް ކަމަށް ޑެމްބެލޭ ފާހަގަކުރިއެވެ.

”އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް ވަރަށް ބޭއިންސާފު. ބައެއް މީހުން އެކަން މާ ބޮޑަށް ކުރޭ. އޭނާ ބޫޓު ވާފަށް ބަނދޭތޯ ނުވަތަ އިސްޓާކީނު ލާ ގޮތް ފަދަ ކުދި ކަންކަމަށް ވެސް ފާޑުކިޔަނީ. އެއީ މާ ބޮޑުވަރު. އޭނާއަކީ ވެސް އިންސާނެއް،“ ސްޕެއިންގެ މާކާ ނޫހަށް ދިން އިންޓަވިއުއެއްގައި ޑެމްބެލޭ ބުންޏެވެ.

ރެއާލް މެޑްރިޑްގެ ފޯވާޑް އެމްބާޕޭއަށް މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ރެއާލްއާއެކު މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބުމާއި، 2023 ވަނަ އަހަރު ފްރާންސްގެ ކެޕްޓަންކަމާ ހަވާލުވި ފަހުން އޭނާގެ ލީޑަޝިޕާ މެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެންނެވެ.

ނަމަވެސް ޑެމްބެލޭ ބުނި ގޮތުގައި، ފްރާންސްގެ ޑްރެސިން ރޫމްގެ ތެރޭގައި އެމްބާޕޭއަކީ އަދިވެސް ހަގީގީ ލީޑަރެކެވެ. ”ފްރާންސް ޓީމުގައި އޭނާ އަހަރެމެންނާ ވަރަށް ގުޅޭ، އޭނާއަކީ ލީޑަރެއް އަދި ވަރަށް މުހިންމު ކުޅުންތެރިއެއް،“ ޑެމްބެލޭ އިތުރަށް ބުންޏެވެ.