ސިޔާސީ ވާދަވެރިންނަށް ނަޝީދުގެ ދައުވަތެއް: ސަރުކާރު ބަދަލުކުރުމުގައި ބައިވެރިވާން އާދޭ!

ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ވިރާސީ

މި ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ބައިވެރިވާން، ސިޔާސީ ވާދަވެރިންނަށް އެމްޑީޕީގެ ޗެއާޕަސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، އެ ކާމިޔާބީ ފާހަގަކުރަން ރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގައުމެއްގެ ހަޔާތުގައި އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކުރާ ދަނޑިވަޅުތަކާއި ވަގުތުތަކެއް އަންނަ ކަމަށާއި މިއަދަކީ އެފަދަ ވަގުތުކޮޅެއް ކަމަށެވެ.

އަދި މި ރާއްޖެ ދޫކޮށްލެވެން ނެތް ކަމަށާއި މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ރައްޔިތުންގެ މިނިވަންކަމާއި ތަނަވަސްކަމަށް އަބަދުވެސް ތެދުވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ

”އަޅުގަނޑުގެ ހުރިހާ ސިޔާސީ ވާދަވެރިންނަށް ވެސް ގޮވައިލަން ވަޑައިގަންނަވާށޭ. ވަޑައިގެން، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކޮށް، މި ސަރުކާރު ޖަވާބުދާރީކޮށް، އަދި ސަރުކާރު ބަދަލުކުރުމުގެ ހުރިހާ މަސައްކަތްތައް ވެސް މިރެއިން ފެށިގެން ކުރިއަށް ގެންދަންވީ. ކުރަމުން ގެންދަންވީ،“ ނަޝީދު ވިދާޅުވި އެވެ.