ވޯލްޑް
ކަޕް

ނެދަލެންޑްސް އެއްވަރުވީ އަހަރެންގެ މައްސަލައަކުން ނޫން، މައްސަލައަކީ ޑިފެންސް: ކޫމަން 

ނެދަލެންޑްސްގެ ކޯޗު ކޫމަން ޓީމަށް އިރުޝާދުދެނީ -- ފޮޓޯ: ގެޓީ

ޖަޕާނާ ދެކޮޅަށް ނެދަލެންޑްސް އިން ކުޅުނު ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗު 2-2 އިން އެއްވަރުވުމުން، ނެދަލެންޑްސްގެ ކޯޗު ރޮނަލްޑް ކޫމަންގެ ޓެކްޓިކްސްއަށް އަމާޒުކުރާ ފާޑުކިޔުންތަކަށް އޭނާ ރައްދުދީފީއެވެ.

ކެޕްޓަން ވާޖިލް ވެން ޑައިކް އާއި ކްރިސެންސިއޯ ސަމާވިލް ކާމިޔާބުކޮށްދިން ދެ ގޯލާއެކު ނެދަލެންޑްސް ދެ ފަހަރެއްގެ މަތިން ލީޑު ނެގި ނަމަވެސް، ޖަޕާނުގެ ކެއިޓޯ ނަކަމޫރާ އާއި ޑައިޗީ ކަމާޑާ ޖެހި ގޯލުތަކުން މެޗު އެއްވަރުވިއެވެ.

ސަމާވިލްގެ ގޯލަށްފަހު 64 ވަނަ މިނިޓުގައި ކޫމަން ތިން ކުޅުންތެރިން ބަދަލުކުރިއެވެ. އޭގެ ފަހުން ޑިފެންސް ވަރުގަދަ ކުރުމަށް ނޭތަން އޭކޭ ކުޅެން އެރުވިއެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ޖަޕާނަށް ފުރުސަތުތަކެއް ލިބި، މެޗުގެ ކޮންޓްރޯލް އެޓީމުން ހޯދިއެވެ. ކޫމަން ބުނީ މިއީ އޭނާގެ ކުށެއް ނޫން ކަމަށާއި، މައްސަލައަކީ ޑިފެންސް ރަނގަޅު ނުވުން ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޫމަން ބުނީ ދެ ފަހަރު ވެސް ގޯލު ވަދެފައިވަނީ ޑިފެންސް ރަނގަޅު ނުވުމުން ކަމަށެވެ. އޭނާގެ ނިންމުންތަކާ މެދު ހިތާމަ ނުކުރާ ކަމަށާއި، ޖަޕާނުން ދެވަނަ ގޯލު ޖެހުމަށްފަހު ޑިފެންސަށް ވިސްނި ނަމަވެސް ނެދަލެންޑްސްއަށް ތިންވަނަ ގޯލު ޖެހުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ބުންޏެވެ.

އަނިޔާގެ ސަބަބުން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި މެމްފިސް ޑެޕާއީ ދެވަނަ ހާފުގައި ކުޅެން އެރި ނަމަވެސް، އޭނާއަށް މެޗުގެ ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ. އޭނާއަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ.

ކޫމަން ބުނީ ޖަޕާނާ ދެކޮޅަށް ކުޅުނީ އެންމެ ދަށް ފެންވަރުގައި ކަމަށާއި، މުބާރާތުގެ ތެރޭގައި ޓީމު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ފުރަތަމަ މެޗުން މޮޅުވާން ބޭނުންވި ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށް އޭނާ ފާހަގަކުރިއެވެ.

ގްރޫޕު އެފްގެ ދެވަނަ މެޗުގައި ނެދަލެންޑްސް އިން ނުކުންނަން ޖެހޭނީ ސްވިޑެންއާ ދެކޮޅަށެވެ. ސްވިޑެން އިން ވަނީ ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ޓިއުނީޝިއާ އަތުން މޮޅުވެ، ފެންވަރު ދައްކާލައިފައެވެ.