ވޯލްޑް
ކަޕް

ޔަމާލް ފިޓް، އެކަމަކު މެޗު ފަށާނީ ބެންޗުން 

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް -- ފޮޓޯ: ގެޓީ

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް، ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ފިޓްވެފައިވާ ކަމަށާއި ނަމަވެސް އޭނާ ކުޅެން އަރުވާނީ މެޗުގެ ހިނގަމުންދާ ގޮތަށް ބަލައިގެން ކަމަށް ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފިއެވެ.

އުމުރުން 18 އަހަރުގެ ޔަމާލް، މިދިޔަ އެޕްރީލް މަހުން ފެށިގެން އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އޭނާ މެޗުތަކާ ދުރުގައި ހުރީ އޭނާގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.

ސްޕެއިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ބައިވެރިވެފައި ނުވި ނަމަވެސް، ކޯޗު ޑެ ލާ ފުއެންޓޭ ބުނާ ގޮތުގައި ޔަމާލްގެ ފިޓްނަސްއާ މެދު ކަންބޮޑުވުމެއް ނެތެވެ. ނިކޯ ވިލިއަމްސް އާއި ވިކްޓާ މުނޯޒްގެ ހާލަތުވެސް މިހާރު ރަނގަޅެވެ.

ޑެ ލާ ފުއެންޓޭ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ޔަމާލް ހުރީ ވަރަށް ރަނގަޅު ފިޓްނަސްއެއްގައި ކަމަށެވެ. އޭނާ އަންނަނީ ކަނޑައެޅިފައިވާ ޕްރޮސެސްތަކާ އެއްގޮތަށް ތަމްރީނުތައް ހަދަމުންނެވެ. އަނިޔާގެ ސަބަބުން ދުރުގައި ތިބި އެހެން ކުޅުންތެރިން ވެސް މިހާރު ތިބީ މެޗަށް ތައްޔާރަށެވެ. ނަމަވެސް އެ ކުޅުންތެރިންނަށް މެޗު ފެށުމަށް ފުރުސަތު ދިނުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މެޗު ކުރިއަށްދާ ގޮތަށް ބަލައި، ޓީމަށް އެ ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވާ މިންވަރަކުން ފުރުސަތު ދޭނެ ކަމަށް ކޯޗު ބުންޏެވެ. މިއީ މެޗުގެ ހާލަތަށް ބަލައި ނިންމާނެ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ޔޫރަޕްގެ ޗެމްޕިއަން އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިން މިފަހަރުގެ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ޑެ ލާ ފުއެންޓޭ ބުނީ ކޭޕް ވާޑް އަކީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ޓީމެއް ކަމުގައި ވިޔަސް، އެ ޓީމު ދެރަކޮށް ނުލާނެ ކަމަށެވެ.

ކޭޕް ވާޑްގެ ކުޅުން ފެނިފައިނުވާ މީހުންނަށް މެޗުގައި އެ ޓީމުގެ ފެންވަރު ފެނިގެންދާނެ ކަމަށް ސްޕެއިން ކޯޗު ބުންޏެވެ. ޓެކްޓިކަލް ގޮތުން އެ ޓީމަކީ ވަރަށް ރަނގަޅަށް އޮގަނައިޒްވެފައިވާ އަދި ހަލުވި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ.

ކެމަރޫން ބަލިކޮށް މުބާރާތަށް ކޮލިފައިވި ކޭޕް ވާޑް އަކީ މިފަހަރުގެ މުބާރާތުގައި ސަޕްރައިޒް ދީފާނެ ޓީމެއް ކަމަށް އޭނާ ލަފާކުރެއެވެ. ސްޕެއިން މޮޅުވި ކަމުގައި ވިޔަސް، މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށް ޑެ ލާ ފުއެންޓޭ ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕު އެޗްގައި ސްޕެއިނާއި ކޭޕް ވާޑް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ އެވެ.