ވޯލްޑް
ކަޕް

ލަމޫޝީ ވަކިކޮށް، ޓިއުނީޝިއާގެ ކޯޗަކަށް ރެނާޑް 

ޓިއުނީޝިއާގެ އާ ކޯޗަކަށް ހަމަޖެއްސި ހާވް ރެނާޑް -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގައި ސްވިޑަން އަތުން 5-1 އިން ޓިއުނީޝިއާ ބަލިވުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ސަބްރީ ލަމޫޝީ މަގާމުން ވަކިކޮށް، އެ މަގާމަށް ހާވް ރެނާޑް ހަމަޖައްސައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މެޗަށްފަހު ޓިއުނީޝިއާގެ ކޭމްޕްގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހުއެވެ. ޖެނުއަރީ މަހު ޓީމާ ހަވާލުވި ލަމޫޝީގެ އިރުޝާދުގެ ދަށުން ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ.

ޓިއުނީޝިއާގެ ކޯޗުކަމުން ވަކިކުރި ސަބްރީ ލަމޫޝީ — ފޮޓޯ: ރޮއިޓާސް

ރިޕޯޓުތައް ބުނާގޮތުގައި ލަމޫޝީގެ ބަދަލުގައި ޓިއުނީޝިއާގެ ކޯޗުކަމާ ދެން ހަވާލުވާނީ ހާވް ރެނާޑް އެވެ. ރެނާޑް އަކީ ޒެމްބިއާ އަދި އައިވަރީ ކޯސްޓަށް އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދިން ކޯޗެކެވެ. އަދި އޭނާ ވަނީ ވޯލްޑް ކަޕް 2022 ގައި ސައުދީ އަރަބިއްޔާއަށް އިރުޝާދުދީފައެވެ.

ވޯލްޑް ކަޕްގައި ކުޅުނު މެޗުގައި ސްވިޑަންގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޔާސިން އަޔާރީ، އެލެގްޒެންޑާ އިސާކް، ވިކްޓާ ޔޮކަރޭސް އަދި މަތިއަސް ސްވަންބާގްއެވެ. އޭގެ ތެރެއިން އަޔާރީ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕް ކުރިއަށް ދަނިކޮށް ކޯޗުން ވަކިކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ނަމަވެސް، މީގެ ކުރިން 1998 ވަނަ އަހަރު ޓިއުނީޝިއާއިން ވަނީ ހެންރިކް ކަސްޕާޒަކް މަގާމުން ވަކިކޮށްފައެވެ.

ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު އެފް“ ގައި ޓިއުނީޝިއާ ދެން ނުކުންނަން ޖެހޭނީ ޖަޕާނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.