”ބޮޑު ބަދަލު“ އޮފީސް އުފައްދައިފި، ޑިރެކްޓާ ޖެނެރަލަކަށް ހަސަންކޮ

ހަސަން ލަތީފް ---

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ ސެކްރެޓޭރިއަޓުގައި ”ބޮޑު ބަދަލު“ އޮފީސް ގާއިމުކޮށްފި އެވެ.

އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފު (ހަސަންކޮ) އެވެ. އޭނާއަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ބޮޑު ބަދަލަކީ ރާއްޖޭގެ ވެރިކަންކުރާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި 2028 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ތެރެއިން ހުށަހަޅުއްވި ނިޒާމީ އިސްލާހުތަކެކެވެ.

އެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. ނަޝީދު އާއި ފައްޔާޒު ވިދާޅުވާ ގޮތުން އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫނެވެ. އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ މުޅިން އާ ގޮތްތަކެކެވެ.

އެގޮތުން ނަޝީދު އާއި ފައްޔާޒުގެ ހުށަހަޅުއްވާ ބަދަލުތަކުގައި ސަރުކާރު ހިންގާ މީހަކާއި ދައުލަތުގެ ވެރިޔަކު ހުންނާނެ އެވެ. ސަރުކާރު ހިންގާ މީހަކީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވާ މީހެކެވެ. ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ރަށު ކައުންސިލަރުން ނަގާ ވޯޓަކުންނެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލުކުރުމަށްވެސް އެ ބޭފުޅުން ހުށަހަޅުއްވަ އެވެ.