ހުޅުމާލެ 2 ގައި އަލަށް ހެދި އަމާން ދޯދި ފްލެޓަކުން ރޭ ވެއްޓުނު 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އަމާން ދޯދި ފަސް ވަނަ ފްލެޓްގެ ދެ ވަނަ ފްލޯއިން އެ ކުއްޖާ ވެއްޓުނު ހާދިސާގެ ރިޕޯޓް ފުލުހުންނަށް ދީފައިވަނީ ރޭ 11:15 ހާއިރު އެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް ރޭ ދަންވަރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ކަރުންނާއި ނޭފަތުން އަދި ކަންފަތުން ދިޔައީ ލޭ އަންނަމުންނެވެ. އަދި ކުއްޖާގެ ދަތްދޮޅި ފަޅައިގެން ގޮސް، މޫނުމަތިންވެސް އެކި ކަށިތައް ބިނދިފައިވާ ކަމަށްވެ އެވެ
މިކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، ކުއްޖާ ވެއްޓުނީ ކިހިނެތް ކަމެއް އަދި ނޭނގެ އެވެ.


