ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު ހުންނަ އިމާރާތް ---

ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުގައި ހުރި މީހަކު ފިލުވުމަށް އެހީތެރިވި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ/ އަހުމަދު އުވައިސް (22އ) އަދި ނ. ވެލިދޫ/ އިހާޒް، މުހައްމަދު އަނޫފް (25އ) އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަށްވެސް ފުލުހުން ތުހުމަތު ކުރަނީ ބަންދުގައި ހުރި މީހަކު ފިލުވަން އުޅުނުކަމުގެ ތުހުމަތެވެ. އަދި އެކަން ސާބިތުކުރުމަށް ބަންދު މަޖިލީހަށް ފުލުހުންގެ ފަރާތުން ހެކިންގެ ބަޔާނާއި ހާދިސާ ރިޕޯޓާޢި ސީސީޓީވީ ފުޓޭޖާއި ކުށުގެ ރެކޯޑްވެސް ހުށަހެޅި އެވެ.

ބަންދު މަޖިލީހުގައި ދެ މީހުންވެސް ބަންދަށް ލުއި ދިނުމަށް އެދުނު ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުޒައްމިލު ނާސިރު ނިންމެވީ ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށެވެ.