ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ، ބަލި ފެނުނީ ޑޮކްޓަރެއްގެ ގައިން

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސް އެއް ފެނިއްޖެ އެވެ.

މިއީ ޔޫރަޕުން އެބޯލާގެ ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ. މި ކޭސް ފެނިފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަނެއް ނިންމުމަށްފަހު އެނބުރި ދިޔަ ޑޮކްޓަރެއްގެ ފަރާތުންނެވެ.

ފްރާންސްގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނީ، އެ ޑޮކްޓަރު ވަގުތުން ހާއްސަ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށް، ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެބޯލާގެ ކޭސްއެއް ފެނުނު ނަމަވެސް އާންމުންނަށް އެކަމުގެ ސަބަބުން އޮތް ނުރައްކާ ”ވަރަށް ކުޑަ“ ކަމަށްވެސ ފްރާންސްގެ ހެލްތް މިނިސްޓްރީން ބުންޏެވެ.

މި ކޭސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް އޮތް ނުރައްކާ ކުޑަ ކަމަށާއި ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް“ ކަމަށް ވިދާޅުވެފަ އެވެ.

ކޮންގޯގައި އެބޯލާ ފެތުރެމުންދާކަން އިއުލާން ކުރީ މިދިޔަ މަހު އެވެ. ނަމަވެސް، މާހިރުން ގަބޫލުކުރާ ގޮތުގައި އޭގެ ހަފުތާތަކެއް ކުރިންވެސް އެ ވައިރަސް އެ ގައުމުގައި ދިޔައީ ފެތުރެމުންނެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 260 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 1,000 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. ކޮންގޯގެ އިތުރުން އެ ގައުމާ ޖެހިގެން އޮންނަ ޔުގެންޑާއިން ވެސް ވަނީ އެބޯލާގެ ކޭސްތަކެއް ފެނިފަ އެވެ. އަދި އެ ބަލީގައި އެ ގައުމުން ދެ މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

އެބޯލާގެ ނުރައްކާ އެންމެ ބޮޑީ ސިއްހީ ހިދުމަތްތެރިންނަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ކޮންގޯގައި އެބޯލާ ޖެހުނު 75 ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 17 މީހަކު ވަނީ މަރުވެފަ އެވެ.