ވޯލްޑް
ކަޕް

ވޯލްޑް ކަޕް: ކޮންމެ ތަނެއްގައި އިންފަންޓީނޯ، ކީއްކުރަން؟ 

ފީފާގެ ރައީސް އިންފަންޓީނޯ، ވޯލްޑް ކަޕް 2026 ގެ މެޗެއް ބައްލަވައިލައްވަނީ -- ފޮޓޯ: އޭއެފްޕީ

ފުޓުބޯޅަ ލެޖެންޑުންނާއި ތަރިންނަކީ އާންމު ގޮތެއްގައި ފީފާ ވޯލްޑް ކަޕް މުބާރާތްތަކުގައި އެންމެ ގިނައިން ފެންނަ މޫނުތަކަށް ވަނީ ވެފައެވެ. ނަމަވެސް ވޯލްޑް ކަޕް 2026 ގައި އެންމެ ގިނައިން ފެންނަ މޫނަކީ ލިއޮނެލް މެސީއެއް ނޫނެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ވެސް ނޫނެވެ. ކިލިއަން އެމްބާޕޭއެއް ވެސް ނޫނެވެ. އެއީ ޖިއާނީ އިންފަންޓީނޯއެވެ.

ފީފާގެ ރައީސް ވަނީ މި މުބާރާތުގައި އެންމެ ގިނައިން ފެންނަ އެއް ޝަހުސިއްޔަތަށް ވެފައެވެ. މުބާރާތް ބާއްވާ ގައުމުތަކުގައި ކުރިއަށްދާ މެޗުތަކާއި، ރަސްމިއްޔާތުތަކާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިތުރުން ފީފާގެ ބޮޑެތި ހަރަކާތްތަކުން ދަނީ ފެންނަމުންނެވެ. ތާރީހުގައި ވެސް ބޭއްވޭ އެންމެ ބޮޑު ވޯލްޑް ކަޕްގައި އެންމެންގެ މެދުގައި އިންފަންޓީނޯ ވަނީ މަގާމު ކަށަވަރުކުރައްވައިފައެވެ.

ފީފާގެ އެންމެ ބޮޑު މުބާރާތުގެ މޫނުމަތި

ގިނަ ސަބަބުތަކަކާ ހުރެ މި ވޯލްޑް ކަޕަކީ ތާރީހީ މުބާރާތެކެވެ. މިއީ 48 ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި ތިން ގައުމެއްގައި ގުޅިގެން ބާއްވާ ފުރަތަމަ ފަހަރުގެ އިތުރުން، މިއީ ފީފާއިން މިހާތަނަށް އިންތިޒާމުކުރި އެންމެ ބޮޑު މުބާރާތެވެ.

މުބާރާތުގެ ބޮޑުމިނާ ގުޅޭގޮތުން އިންފަންޓީނޯ ވަނީ ތަކުރާރުކޮށް ދިފާއުކުރައްވައި ވާހަކަދައްކަވައިފައެވެ. އަދި މިއީ ފުޓުބޯޅައިގެ ތާރީހުގައި ވެސް މިހާތަނަށް ނުދެކޭ ފަދަ ބޮޑު ކަމެއްކަމުގައި ސިފަކުރެއްވިއެވެ. ފުރިފައިވާ ސްޓޭޑިއަމްތަކާއި، ފޯރިގަދަ މާހައުލުތަކާއި، އަދި މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާތީ ފީފާއިން ވަނީ މި މުބާރާތަށް ތައުރީފުކޮށްފައެވެ. ނަމަވެސް، މި ހާމަކަން ބޮޑުވުމާއެކު ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

ޓިކެޓުގެ އަގުތަކުން ފެށިގެން ދަތުރުފަތުރުގެ ދަތިތަކާއި، ވިސާގެ މައްސަލަތަކާއި އަދި ހިޔާލުތަފާތުވުން އުފެދިފައިވާ ހައިޑްރޭޝަން ބްރޭކްތަކާ ގުޅޭގޮތުން އުފެދޭ އުނދަގޫ ސުވާލުތަކަށް އާންމުގޮތެއްގައި ޖަވާބުދާރީވެވަޑައިގަންނަވާ ބޭފުޅަކީ އިންފަންޓީނޯއެވެ. މުބާރާތް ފެށުމުގެ ކުރިން، ފީފާއިން މުބާރާތް ކުރިއަށްގެންދާ ގޮތް ދިފާއުކުރައްވައި، ފާޑުކިޔާ ފަރާތްތަކަށް ހަމަޖެހިލުމަށް ވެސް އިންފަންޓީނޯ ގޮވާލެއްވިއެވެ.

ލީޑާޝިޕްތޯ ނުވަތަ ހައްދަށްވުރެ ބޮޑަށް ހާމަވުންތޯ؟

ސަޕޯޓަރުންނަށް، އިންފަންޓީނޯ މެދުކެނޑުމެއްނެތި ފެންނަމުންދިއުމަކީ ވަރުގަދަ ލީޑާޝިޕެއްގެ ހެއްކެކެވެ. އިންފަންޓީނޯ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރައީސެވެ. އަދި މިއީ ފީފާގެ އެންމެ ބޮޑު އުފެއްދުމެވެ. އެ ނަޒަރުން ބަލާއިރު، މުބާރާތުގެ އެންމެ މެދުން އެއިންފަންޓީނޯ ފެނިވަޑައިގަންނަވަން ބޭނުންވުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކަށް، މިއީ ހައްދަށްވުރެ ބޮޑު ކަމެއްގެ ގޮތުގައި އިހުސާސްކުރެވިދާނެއެވެ.

ފުޓުބޯޅަ ބެލުމަށް ސަޕޯޓަރުން ވަންނަ އިރު، އެމީހުން ބޭނުންވަނީ ކުޅުންތެރިންނާއި، ޓީމުތަކާއި އަދި ސަޕޯޓަރުންނަށް ސަމާލުކަން ހުއްޓިފައި އޮތުމަށެވެ. ފީފާގެ ލީޑާޝިޕަށް މާބޮޑަށް ސަމާލުކަން ދިނުމުން، މި މުބާރާތަކީ ފުޓުބޯޅައިގެ އީދަކަށްވުރެ ބޮޑަށް ވިޔަފާރީގެ ހަރަކާތެއްކަމުގެ އިހުސާސް ކުރެވުމުގެ ނުރައްކާ އޮވެއެވެ.

ތިން ގައުމެއްގައި ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ އިރުވެސް، އިންފަންޓީނޯ ގިނަ މެޗުތަކެއް ބައްލަވައިލެއްވުމަށް ބައިވެރިވަޑައިގަންނަވައެވެ. އިންފަންޓީނޯ އެކި ގައުމުތަކަށް ވަޑައިގަންނަވަނީ ގަތަރު އެއާވޭސްގެ އެހީތެރިކަމާއެކު ހާއްސަ ޕްރައިވެޓް ޖެޓެއްގައެވެ. އެއީ ގިނަވެގެން އެއް ގަޑިއިރުގެ ދަތުރެކެވެ.

ވިޔަފާރީގެ ވޯލްޑް ކަޕް

ފެންބުއިމަށް ދެވޭ ހައިޑްރޭޝަން ބްރޭކާ ގުޅޭގޮތުން ކުރެވޭ ބަހުސްގެ ސަބަބުން މި އިހުސާސް އިތުރަށް ބޮޑުވެފައިވެއެވެ. ފީފާއިން ބުނާގޮތުގައި އެ ވަގުތުކޮޅުތަކަކީ ކުޅުންތެރިންގެ ސިއްހަތާއި ހޫނު މޫސުމުގައި ހަމަހަމަ މާހައުލެއް ގާއިމުކުރުމަށް ދެވޭ ވަގުތުކޮޅުތަކެކެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އޭގެ ސަބަބުން މެޗުގެ އޮއިވަރު ގެއްލި، އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދެއެވެ. އިންފަންޓީނޯގެ ތަސައްވުރު އޮޅުންބޮޅުންވާ ހިސާބަކީ މިއީއެވެ.

އިންފަންޓީނޯ ބޭނުންވަނީ ފީފާއަކީ ޒަމާނީ، ބައިނަލްއަގުވާމީ އަދި އެންމެން ޝާމިލުވާ މުއައްސަސާއެއްގެ ގޮތުގައި ދައްކުވައިދިނުމަށެވެ. ނަމަވެސް ގިނަ ސަޕޯޓަރުން ދެކޭގޮތުގައި އެ މުއައްސަސާއަކީ ދުވަހެއް ދުވަހަކަށް ވިޔަފާރިއަށް ބަރޯސާވަމުންދާ ތަނެކެވެ. ފައިސާއާއި، ސިޔާސަތުތަކާއި އަދި ބްރޭންޑިންގެ ސަބަބުން ފުޓުބޯޅައިގެ އަސްލު ރޫހަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

ކޮންޓްރޯލް ބޭނުންވާ ރައީސެއް

ހިމޭންކަމާއެކު ހިންގުމާ ހަވާލުވެހުންނަ ވެރިއަކާ ހިލާފަށް އިންފަންޓީނޯގެ ސްޓައިލް ވަރަށް ތަފާތެވެ. އިންފަންޓީނޯއަކީ އަޑުގަދަ، ގިނައިން ފެންނަ އަދި އަބަދުވެސް ސަމާލުކަން ހޯއްދަވާ ބޭފުޅެކެވެ. މިފަދަ ބޮޑު މުބާރާތެއްގައި އެއީ ބާރުގަދަ ކަމަކަށް ވެދާނެއެވެ. އެކަމަކު އޭގެ މާނައަކީ ފީފާގެ ކޮންމެ ނިންމުމެއް ސީދާ އޭނާއާ ގުޅިގެން ދިއުމެވެ. ކަންކަން ރަނގަޅަށް ދާނަމަ، އޭގެ ތައުރީފު އިންފަންޓީނޯއަށް ލިބިވަޑައިގަންނަވައެވެ. މައްސަލަތައް ފެންމަތިވާނަމަ، އަމާޒުފަތްގަނޑަކަށް ވެވަޑައިގަންނަވަނީ ވެސް އިންފަންޓީނޯ އެވެ.

އެހެންކަމުން، އިންފަންޓީނޯ ކޮންމެ ތަނަކުން ފެންނަނީ ވޯލްޑް ކަޕަށް ވަރުގަދަ ލީޑާޝިޕެއް ބޭނުންވާތީ ހެއްޔެވެ. ނުވަތަ އެމަނިކުފާނު ކޮންމެ ތަނަކުން ފެންނަނީ، މުބާރާތުގެ ފޯރީގެ ތެރޭގައި ފީފާގެ ރައީސް ޝާމިލުވާން ފީފާއިން ބޭނުންވާތީ ހެއްޔެވެ.

މި ސުވާލުގެ ޖަވާބަކީ މި ދެ ކަންތައް ކަމުގައި ވެސް ވެދާނެއެވެ. ވޯލްޑް ކަޕަ 2026 އަކީ ހަމައެކަނި ފުޓުބޯޅަ މުބާރާތެއް ނޫނެވެ. މިއީ މުޅި ދުނިޔެއަށް އަމާޒުކޮށްފައިވާ މުނިފޫހިފިލުވުމުގެ އުފެއްދުމެކެވެ. މިއީ ސިޔާސީ މައިދާނެކެވެ. އަދި ވިޔަފާރީގެ ބިޔަ ހަރަކާތެކެވެ. އެހެން އެންމެންނަށްވުރެ ރަނގަޅަށް އިންފަންޓީނޯއަށް މިކަން އެނގިވަޑައިގަންނަވައެވެ.

ނަމަވެސް ފުޓުބޯޅައިގެ އެންމެ ފުރިހަމަ ވަގުތުތައް އަދިވެސް އޮތީ ދަނޑުމަތީގައެވެ. އަދި ފީފާގެ ރައީސް ކިތަންމެ ގިނައިން ފެނިވަޑައިގެންނެވި ކަމުގައި ވިޔަސް، ވޯލްޑް ކަޕްގެ އަސްލު ތަރިންގެ ގޮތުގައި ދެމިއޮންނަން ވާނީ ކުޅުންތެރިންނާއި، ސަޕޯޓަރުންނާއި އަދި ފުޓުބޯޅަ މެޗުތަކެވެ.