ވޯލްޑް ކަޕް 2026 ގައި ކޮލަމްބިއާ އަތުން އެއްވަރުވެ، ޕޯޗުގަލް ދެވަނައިގައި ގްރޫޕު ސްޓޭޖު ނިންމާލަން ޖެހިއްޖެއެވެ.
”ގްރޫޕު އެލް“ ގައި މިއަދު ކުޅުނު މެޗަށް ނުކުތް އިރު، ޕޯޗުގަލަށް ކޮލަމްބިއާ ބަލިކޮށްގެން ގްރޫޕުގެ އެއްވަނަ ލިބެން އޮތެވެ. ނަމަވެސް ކޮލަމްބިއާއަށް އެއްވަރުކޮށްލައިގެން އެއްވަނަ ލިބެން އޮތެވެ. ދެ ޓީމަށް ވެސް މެޗަށް ނުކުތް އިރު އޮތީ ދެވަނަ ބުރު ޔަގީންވެފައެވެ.
މި މެޗުގެ ދެ ހާފުގައި ވެސް ޕޯޗުގަލް އެޓޭކުގައި މައްސަލަތަކެއް ފާހަގަވެގެންދިޔައެވެ. އެގޮތުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތުތަކެއް ތަނަވަސް ނުކުރެވުމާއި، މިޑްފީލްޑްގައި ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްލެވުނެވެ.
މި މެޗުގައި ބަދަލުތަކަކާއެކު ކޮލަމްބިއާ އިން ކުޅުނު ނަމަވެސް، އެޓޭކު ފެނުނީ ވަރުގަދަކޮށެވެ. ހާއްސަކޮށް ލުއިސް ޑިއާޒާއި ކެޕްޓަން ހަމޭސް ރޮޑްރިގޭސްއާއެކު ކޮލަމްބިއާގެ އެޓޭކުން ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް ޕޯޗުގަލް ސަލާމަތްވީ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާގެ ސޭވްތަކާއި ޑިފެންސްގެ ހުޝިޔާރުކަމުންނެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ފަހަތުން އަރައި އުޒްބެކިސްތާންގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ޑީއާރް ކޮންގޯ އިން ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މެޗު ފެށިތާ ރީތި ގޯލަކާއެކު އުޒްބެކިސްތާނަށް އެލްޑޯ ޝޮމުރޮޑޯވް ވަނީ ލީޑު ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޔޮއާން ވިސާ ޖެހި ދެ ގޯލާއި ފިސްޓޮން މަޔޭލޭގެ ގޯލުން ކޮންގޯއަށް ތިން ޕޮއިންޓު ކަށަވަރުވިއެވެ.
ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި ނިންމާލި ކޮންގޯއަށް ދެވަނަ ބުރުގެ ޖާގައެއް ލިބެނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އެއްވަނަ ހޯދި ކޮލަމްބިއާއަށް ހަތް ޕޮއިންޓު ލިބުނު އިރު، ޕޯޗުގަލަށް ލިބުނީ ފަސް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި އުޒްބެކިސްތާނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.


