ވޯލްޑް ކަޕް 2026 ގައި ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލިކޮށް، ޕެރަގުއާއީ އިން ގަދަ 16 ގެ ޖާގަ ހޯދައިފިއެވެ.
ޖަރުމަނާއި ޕެރަގުއާއީ މިރޭ ކުޅުނު ގަދަ 32 ގެ މި މެޗުގެ ފުރިހަަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އިތުރު ވަގުތުގައި ވެސް ނަތީޖާއެއް ނުނެރެވުމުން ޕެނަލްޓީ ޝޫޓް އައުޓްގައި ޕެރަގުއާއީ އިން ޖަރުމަން ބަލިކުރީ 3-4 އިންނެވެ.
މުޅި މެޗުގައި ޖަރުމަނުން އެޓޭކިން ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޕެރަގުއާއީ އިން ވަނީ ލީޑު ހޯދައިފައެވެ. ޕެރަގުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫލިއޯ އެންސީސޯ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓުގެ ތެރޭގައި ޖަރުމަނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފްލޯރިއަން ވާޓްޒް ނަގައިދިން ބޯޅައެއް، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕެރަގުއާއީގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ.
ގޯލަށްފަހު ވެސް ދެވަނަ ހާފު އަދި އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ޖަރުމަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ޕެރަގުއާއީގެ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މެޗުގައި ހީރޯއަކަށް ވެގެންދިޔަ ކީޕަރު އޯލެންޑޯ ހިލްގެ ގޯލު ފޫއަޅުވާލެވިފައެއް ނުވެއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް ޕެރަގުއާއީ ކީޕަރު ހިލް ވަނީ ޖަރުމަންގެ ދެ ޕެނަލްޓީއެއް މަތަކޮށްފައެވެ. އެއީ ކައި ހަވާޓްޒް އާއި ނިކް ވޯލްޓްމާޑްގެ ފޮނުވާލި ޕެނަލްޓީއެވެ. އަދި ޖަރުމަންގެ ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ވެސް ދިޔައީ މައްޗަށެވެ. ޖަރުމަންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗް، ޖަމާލް މުސިއާލާ އަދި ނަދީމް އަމީރީ އެވެ. ޕެރަގުއާއީގެ ފަބިއަން ބަލްބުއޭނާގެ ޕަނަލްޓީ ޖަރުމަން ކީޕަރު ނޯޔާ މަތަކުރި އިރު، އެންޓޯނިއޯ ސަނަބްރިއާގެ ޕެނަލްޓީ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ޕެރަގުއާއީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މައުރީސިއޯ، ގުސްޓާވޯ ގޮމޭޒް، މަޓިއަސް ގަލާޒާ އަދި ޖޯސޭ ކަނާލޭއެވެ.
ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނަށް ވޯލްޑް ކަޕް 2018 އަދި 2022 ގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. އެ ދެ ވޯލްޑް ކަޕް ވެސް ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.


