ވޯލްޑް
ކަޕް

ވޯލްޑް ކަޕުން ކެޓުމުން ސޮން މައާފަށް އެދިއްޖެ، ބޭނުންވަނީ ހިތްވަރު

ސައުތު ކޮރެއާގެ ކެޕްޓަން ސޮން ހިއުން-މިން -- ފޮޓޯ: ރޮއިޓާސް

ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ސައުތު ކޮރެއާ ކެޓުމާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ސޮން ހިއުން-މިން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދި ކުޅުންތެރިންނަށް ފާޑުކިޔުމުގެ ބަދަލުގައި ހިތްވަރު ދިނުމަށް ގޮވާލައިފިއެވެ.

ސޮން މައާފަށް އެދިފައިވާ އިރު، ސައުތު ކޮރެއާ ކެޓުމާ ގުޅިގެން އެ ޓީމުގެ ކޯޗު ހޮން މިޔޮން-ބޯ ވެސް ވަނީ މަގާމުން އިސްތިއުފާދީފަައެވެ. ސައުތު ކޮރެއާއަށް ދެވަނަ ބުރުން ފުރުސަތު ގެއްލުނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިފައިނުވާތީއެވެ.

ސޮން އާއި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ގެ މިޑްފީލްޑަރު ލީ ކަންގް-އިން އާއި ބަޔާން މިއުނިކްގެ ޑިފެންޑަރު ކިމް މިން-ޖޭ ހިމެނޭ ހުނަރުވެރި ސްކޮޑެއް އޮތުމުން، މި ވޯލްޑް ކަޕަށް ސައުތު ކޮރެއާއަށް ބޮޑެތި އުންމީދުތަކެއް ކުރެވުނެވެ. މެކްސިކޯ އާއި ޗެކް ރިޕަބްލިކް އަދި ސައުތު އެފްރިކާ ހިމެނޭ ގްރޫޕުގައި ނޮކައުޓް ބުރަށް ސައުތު ކޮރެއާއަށް ދެވޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. ނަމަވެސް ޗެކް ރިޕަބްލިކް އަތުން 2-1 އިން މޮޅުވި ނަމަވެސް މެކްސިކޯ އަދި ސައުތު އެފްރިކާ އަތުން ބަލިވެ ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު ސައުތު ކޮރެއާއަށް ގެއްލުނީއެވެ.

އިންސްޓަގްރާމްގައި ސޮން ދިގު ޕޯސްޓެއް ޝާއިއުކޮށް ބުނެފައިވަނީ ”ފުރަތަމަވެސް ސައުތު ކޮރެއާގެ ރައްޔިތުންނާއި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން“ ކަމަށެވެ. އޭނާ ބުނީ ”މިކަހަލަ މެޗެއް ބެލުމަކީ ކިހާ ހިތްދަތި މާޔޫސް ވޭންހުރި ކަމެއްކަން އެނގޭ“ ކަމަށެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާގައި ކުޅުނު މިހާރު އުމުރުން 33 އަހަރުގެ ސޮންއަށް މި ވޯލްޑް ކަޕްގައި ދަތި ވަގުތުތަކެއް ކުރިމަތިވިއެވެ. ތިން މެޗުގައި ވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ސައުތު އެފްރިކާ މެޗުގައި ސޮން ފެށީ ބެންޗުންނެވެ. އެ މެޗުގައި ސޮން ކުޅެން ނުކުމެފައިވަނީ ދެވަނަ ހާފުގައެވެ.

ސޮން ބުނީ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި ސަޕޯޓަރުންނަށް ވީ ވައުދުތައް ދުވަހަކުވެސް ހަނދާން ނައްތައިނުލާ ކަމަށެވެ.