މަރުގެ މައްސަލައެއްގައި ފިލައިގެން އުޅުނު މީހަކު ރާއްޖެއިން ހިފެހެއްޓުމަށްފަހު ލަންކާއާ ހަވާލުކޮށްފި

ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހަކު ރާއްޖޭގައި އުޅެނިކޮށް ހިފެހެއްޓުމަށް ފަހު ސްރީ ލަންކާއާ ހަވާލުކޮށްފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ އޮފިސަރުން މިދިޔަ ހުކުރު ދުވަހު ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް، 23 އަހަރުގެ އެ މީހާ ފޭބުމާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި އެއާޕޯޓުގެ އޮޓޮމޭޓެޑް ބަޔޯމެޓްރިކް އީ-ގޭޓް ސިސްޓަމް މެދުވެރިކޮށް އޭނާ ދެނެގަނެ، މިހާރު ވަނީ އިތުރު ތަހުގީގަށް ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައިވެ އެވެ.

ލަންކާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި، އެ މީހާއަކީ 13 ފެބްރުއަރީ 2026ގައި އަކުރެގޮޑާ ސަރަހައްދުގައި ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުން ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް ބަޑި ޖަހައި މަރާލުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އެ ދެމަފިރިންނަށް ހަމަލާދިނުމަށްފަހު ފިލަން ބޭނުންކުރި އުޅަނދު ދުއްވަން އިނީ މި ތުހުމަތުކުރެވޭ މީހާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ކުށުގެ ރެކޯޑް އޮންނަ އެ މީހާ ދެ މީހަކު މަރާލި އިރު، އޭނާ ހުރީ ކުރީގެ މައްސަލަތަކެއްގައި ހަރުކަށި ޝަރުތުތަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.