ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝުޖާއު ގޮނޑީގެ މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ރިވިއު ކުރަމުން އަންނަ ކަމަށާއި މި ހަފުތާގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލުގެ ރައީސް ކަމަށް ޝުޖާއު ވާދަކުރައްވައި، އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. ނަމަވެސް ކައުންސިލްގެ ދައުރު ފެށުނު ފަހުން ޝުޖާއު ވަނީ އެމްޑީޕީއަށް ބަދަލުވެފަ އެވެ.
އެ މައްސަލާގައި ޝުޖާއު މީޑިއާއަކަށް ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުންނެވެ.
ނަމަވެސް އެލްޖީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު އިންތިހާބުވުމަށްފަހު ދައުރު ފެށުނު ފަހުން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޭނާ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރު ވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އެހެންވެ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާތީ، ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުން ޝުޖާއު ވަކިވެއްޖެ ކަމަށް އެ އޮތޯރިޓީން ކަނޑައެޅި އެވެ.


