ބީއެމްއެލްގައި ޑޮލަރެއް ނެތް, އަމިއްލަ އެކައުންޓުގައި ހުރި ޑޮލަރުވެސް ނުނެގޭ ހިސާބަށް މިދަނީ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ---

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރެއް ނެތް ކަމަށާއި ކަންކަންދާ ގޮތުން އަމިއްލަ އެކައުންޓުގައި ހުރި ޑޮލަރުވެސް ނުނެގިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ މާލީ މައްސަލަތައް ހުރި ގޮތުން މި ސަރުކާރަށް އެކަން ހައްލު ކުރެވެން ނެތްކަން ވަޜަށް ސާފު ކަމަށެވެ. އެ މައްސަލައިގައި އިލްމީ ބޭފުޅުންގެ ’ރަތް ބޮކި‘ ދިއްލިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”ބޭންކް އޮފް މޯލްޑިވްސްގައި ހަމަ ނެތީ އިނގޭތޯ ފައިސާ. ޑޮލަރު. ބޭރު ފައިސާ. ނެތިގެން ވަރަށް ވަރަށް ބޮޑަށް ކަންބޮޑުވެފައި ވަރަށް ބައިވަރު ރައްޔިތުން ތިބީ. އަދި ހާއްސަކޮށް އިލްމީ ގޮތުން މިކަންކަމާ ގުޅޭ ގޮތުން ކަންކަން ދިރާސާކޮށް ބަލައިހަދާ ބޭފުޅުން މިހާރު އެ ބޭފުޅުންނަށް ރަތްބޮކި ދިއްލިފައި މިހާރު ވަނީ,“

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް ބޮންޑެއް ނުވަތަ ލުއި ލޯނެއް ނަގައިގެންވެސް އެއްވެސް ޑޮލަރެއް ބޭރުން ގެނެވިފައި ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި މަޝްވަރާކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

”ވެފައި އޮތް ގޮތަކީ ހަނގުރާމައާ ގުޅިގެން ޑޮލަރު އާމްދަނީވެސް މިވީ ދަށް. މި ސަރުކާރުގެ ގާބިލުކަމެއް ނެތް ޑޮލަރެއް ހޯދުމުގައެއް އަދި ޑޮލަރުގެ މައްސަލަ ހައްލުކުރުމުގައެއް. ބައެއް ބޭފުޅުން 21 ރުފިޔާއަށް ޑޮލަރުގެ އަގު ދާނެ ކަމަށް ވިދާޅުވެފައި އެބަވޭ. އަޅުގަނޑުގެ ހިތަށް ވަންނަނީ 23 ރުފިޔާއަށް ހިނގައިދާނެ ކަމަށް. އެންމެ ފަހުން ޑޮލަރު ނުލިބޭ ހިސާބަށް މިކަން ދާނީ. އަދި ބޭފުޅުން ބޭންކުގައި ބަހައްޓާފައި ހުރި ޑޮލަރުވެސް ފަސޭހައިން ނުނެގޭނެ ގޮތަށް ކަންތައްތައް މިދަނީ,“ ނަޝީދު ވިދާޅުވި އެވެ.