މާއެނބޫދޫގެ ކަރަންޓު މައްސަލައަށް ލުޔެއް، އާ ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ދ. މާއެނބޫދޫއަށް އަލަށް ގެންދިޔަ ޖަނަރޭޓާރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަނީ ---

ދ. މާއެނބޫދޫގެ ކަރަންޓުގެ ހިދުމަތް ހަރުދަނާކޮށް، އެ ރަށަށް ދިމާވެފައިވާ ހަކަތައިގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އާ ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މާއެނބޫދޫގައި އަލަށް ބަހައްޓަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.

ފެނަކައިން ބުނީ، މި މަޝްރޫއުއަކީ މާއެނބޫދޫގެ ކަރަންޓު ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް، މެދުކެނޑުމެއް ނެތި އިތުބާރު ހުރި ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ

އެގޮތުން އާ ޖަނަރޭޓަރު ބެހެއްޓުމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި އިންސްޓޯލްކުރުމުގެ އެކި މަރުހަލާތައް މިހާރު ކުރިއަށްދާއިރު އެ މަސައްކަތް ނިމުމާއެކު، ރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.