މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ހަދަމުންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ، ތިލަމާލެ ބްރިޖު މަޝްރޫއުގެ 74.90 ޕަސެންޓް މިހާތަނަށް ނިމިފައިވާއިރު، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ބްރިޖު ޑެކަށް ބޭނުންވާ ޖުމުލަ 1,222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސެންޓް ސެގްމަންޓް މިހާރު ކާސްޓުކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން 72.9 ޕަސެންޓް ސެގްމަންޓް، ބްރިޖުގެ ތަނބުތައް ގުޅާލުމަށް އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބްރިޖުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނި އިރު، އެ މިނިސްޓްރީން 1 ޖުލައި 2025 ގައި ހާމަކުރި ގޮތުގައި އޭރު ބްރިޖުގެ ނިމިފައިވަނީ 60 ޕަސެންޓެވެ. އެހެންކަމުން އަހަރެއްގެ ތެރޭގައި މި ނިންމުނީ އެންމެ 15 ޕަސެންޓެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ދާދި ފަހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެކަމާމެދު ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަދި މަޝްރޫއުު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށް ދެމުން އައި ނަމަވެސް، މި އަހަރަށް ނިންމުމަށް ތާވަލުކުރި އެ މަޝްރޫއު 2027 އަށް ދިގުލައިގެން ދިއުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު އެވެ. އެގޮތުން މި ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.


