ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއަރުވަން އެލައިޑް އިންޝުއަރެންސާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެލައިޑް އިންޝުއަރެންސް ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އާދަމް އާތިފް އެވެ. ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.
އެލައިޑުން ބުނީ، މި އެއްބަސްވުމުގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ވުމަށް ބާރު އަޅާނެ ކަމަށެވެ. އަދި ދިވެހި މާކެޓާ ގުޅޭ ދިރާސާތައް ކުރުމާއި ގާބިލުކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމްތައް ދެ މުއައްސަސާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެކައުންޓިން ދާއިރާގެ ފަންނީ ތަރައްގީ އާއި މައުލޫމާތާއި ހުނަރު ދެ ފަރާތުން ބަދަލުކުރުމަށާއި ދާއިރާގެ ދިރާސާތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި ދެ އިދާރާ ގުޅިގެން ގާބިލުކަން އިތުރުކުރުމާއި ޕްރޮފޮޝަނަލް ޑިވަލޮޕްމަންޓަށް ވެސް މަސައްކަތް ކުރުމަށް ދެ މުއައްސަސާއިން ވަނީ އެއްބަސްވެފަ އެވެ.
އެލައިޑާއި ސީއޭ މޯލްޑިވްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެލައިޑް ތަކަފުލް އިން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލައިސަންސް ހޯދުމަށް ބޭނުންވާ ”ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް“ ހާއްސަ އަގެއްގައި ލިބޭނެ އެވެ. އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ދާއިމީ މުވައްޒަފުންނަށް ގްރޫޕް ޓާމް ލައިފް ތަކާފުލް ހާއްސަ އުސޫލުތަކެއްގެ ދަށުން ލިބޭނެ އެވެ.


