އެމެރިކާގެ އައިޑަހޯ ސްޓޭޓްގެ އިން-އެން-އައުޓް ބާގާ ރެސްޓޯރަންޓެއްގެ ތެރެއަށް މީހަކު ވަދެ, ބަޑި ޖަހައި ތިން މީހަކު މަރާލައިފި އެވެ.
އައިޑަހޯ ސްޓޭޓްގެ ޗީފް އޮފް ޕޮލިސް މެތިއު ހިކްސް ވިދާޅުވި ގޮތުގައި ޓްވިން ފޯލްސްގައި އިއްޔެ މެންދުރުފަހު ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހަމަލާދިން މީހާވެސް ހިމެނޭ ކަމަށެވެ. އަދި ފަސް މީހަކު ޒަހަމްވި ކަމަށްވެސް ވިދާޅުވި އެވެ.
މަންޒަރު ދުށް ލޭން ކޯން ބުނި ގޮތުގައި، އޭނާ ރެސްޓޯރަންޓް ކައިރީ ހުންނަ ޓްރެފިކް ލައިޓެއްގައި މަޑުކޮށްގެން ހުއްޓައި، އޭއާރް ސްޓައިލްގެ ބަޑިއެއް ހިފައިގެން ހުރި މީހަކު ޑްރައިވް-ތްރޫ އިން ނުކުތް ކަމަށާއި އެ ވަގުތު ފިސްތޯލައެއް ހިފައިގެން ހުރި މީހަކު އޭނާއަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށެވެ.
އަދި ރެސްޓޯރަންޓްގެ މުވައްޒަފަކު، މެޔަށް ބަޑީގެ ހަމަލާއެއް އަމާޒުވެފައިވާ އަންހެނަކު ދަމާފައި ގެންގޮސް، ޕެރަމެޑިކުން އަންނަންދެން މަޑުކުރި މަންޒަރުވެސް ފެނުނު ކަމަށް ލޭން ކޯން ބުންޏެވެ.
ސިޓީގެ ތަރުޖަމާނު ޖޯޝް ޕާމާ ވިދާޅުވީ، ރެސްޓޯރެންޓް ތެރެއަށް ވަދެ, ހަމަލާ ދިނީ އެކަކު ކަމަށާއި އޭނާ ދެނެގަތުމަށާއި މިކަމުގައި އިތުރު ބަޔަކު ބައިވެރިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


