އުމްރާގެ އަޅުކަމަށް ފަހު، ރާއްޖެ އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އުމްރާގެ އަޅުކަމައށް ފަހު ރާއްޖެ އަންނަތާ 14 ދުވަސްތެރޭ ހުން އައިސް، ކެއްސުން، ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުންމުހިންމު ކަމަށެވެ.
އަދި ބަލިން ސަލާމަތްވާން ގޭގައި ވެސް އަމިއްލައަށް ފިޔަވަޅުތައް ނަގަން ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އެގޮތުން ބަލީގައި ގިނަ ދުވަސްވެ އަދި ބޮޑުވަރުވާ ނަމަ ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ގެންދަން ވެސް އެޗްޕީއޭއިން އެދެ އެވެ.
ގޭގައި އަމިއްލަޔަށް ކުރެވިދާނެ ބައެއްކަންކަން
– ގިނައިން ދިޔާތަކެތި ބޭނުންކުރުން.
– އަރާމުކުރުން.
– ހުން ގަދަ ނަމަ ގައިގައި ފެން ހޭކުން.
– ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން.
– އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން.
– ޓިޝޫ ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުން.
– ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން


