ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ބޭފުޅަކީ ކޮންމެހެން ތައުލީމީ ގޮތުން މާބޮޑު ސަނަދެއް އޮތް މީހަކަށް ވާކަށް ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ’ބޮޑު ބަދަލު‘ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ހަސަން ލަތީފް (ހަސަންކޮ) ވިދާޅުވެއްޖެ އެވެ.
”ސަންގު ޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގައި ބަލަންޖެހޭނީ ސަނަދަށް ނޫން ކަމަށާއި ބަލަންޖެހެނީ އެ މީހަކު ކުރާ މަސައްކަތަށާއި އެތަނުގައި ހޭދަކުރާ ވަގުތަށް ކަމަށެވެ. އަދި އެއްވެސް ތައުލީމީ ސަނަދެއް ނެތް ބޭފުޅުންވެސް ވަރަށް ރަނގަޅު ވާހަަކަދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”މެންބަރުންގެ މުސާރަ ގުޅުވާ އެ މީހަކު ކުރާ މަސައްކަތާއި އެ ތަނުގައި ހޭދަކުރާ ވަގުތާ އަޅާކިޔަން ޖެހޭނީ، އޭނަ ނަގައިގެން ހުރި ސަނަދަކަށް ނޫން. މީހެއްގެ ގާބިލުކަމަކީ ހަމައެކަނި ތައުލީމާ ގުޅިފައިވާ ކަމެއް ނޫން.“ ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފެހި ގާނޫނުއަސާސީ އެކުލަވާލެއްވި ދުވަސްވަރުވެސް ބައެއް ފަރާތްތަކުން ތައުލީމީ ޝަރުތުތަކެއް ހިމެނުމަށް ވާހަކަދެއްކި ކަމަށާއި ނަމަވެސް ޑްރާފްޓިން މަރުހަލާގައި ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދި ކަމަށެވެ. އަދި ޔުނިވާސިޓީ ސަނަދެއް ނެތް ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ފަދަ ގާބިލު ބޭފުޅުން މިހާރުވެސް އެބަ ތިއްބެވި ކަމަށާއި އެފަދަ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ދެއްވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.


