މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ހަދަމުންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
”ދަ ޕަލްސް“ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު، މާލެއާއި ވިލިމާލެއާއި ދެމެދު ޢަމަލީގޮތުން އެއްވެސް ކަމެއް ކޮށްފައިވާތަން ފެންނަން ނެތް ކަމަށާއި އެންމެ ތަނބެއްގެ މަސައްކަތްވެސް ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން މިއީ މި ސަރުކާރު ހަވާލުވެ ސުމަކުން ފެށި މަސައްކަތެކޭ ވިދާޅުވެވިދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއަކީ އިންޑިއާ ސަރުކާރާއެކު ކުރިއަށްދާ މަޝްރޫއެއްކަމުން، ދެ ސަރުކާރުގެ ގުޅުމުގެ ތެރެއިން މިހާރު މަސައްކަތްތައް އަވަސްކުރެވިފައިވާ ކަމަށެވެ. މާލެއާއި ވިލިމާލެއާ ދެމެދު އޮތް ބައި ގާތްގަނޑަކަށް ގުޅުވާލެވިފައިވާ އިރު، ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”މިހާރު އެ ދަނީ ވަރަށް ބާރަށް. މި ދެ އަހަރާއި ބައިގެ ތެރޭގައި މި މަޝްރޫއު ވަރަށް ބާރަށް ކުރިއަށް ހިނގައިފި، ކުރިއާ އަޅާބަލައި އިރުގައި،“ ރައީސް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އިރު، މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު ވަރަށް ބޮޑަށް އެދެމުންދާތީ ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ސަރުކާރުން އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި މަޝްރޫއު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށްވެސް ދެމުން އައި ނަމަވެސް، މި އަހަރަށް ނިންމުމަށް ތާވަލުކުރި އެ މަޝްރޫއު 2027 އަށް ދިގުލައިގެން ދިއުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ
”އެހެނަސް އެ ޕްރޮޖެކްޓް އެބަ ހިނގާ. ދެން ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ވިއްޔާ ކޮށްދެން އެބަ،“ ރައީސް ވިދާޅުވި އެވެ
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު އެވެ. އެގޮތުން މި ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.


