ސިވިލް ކޯޓުގެ ގާޒީ އިހުސާން ސަސްޕެންޑްކޮށްފި

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން -- ފޮޓޯ/ ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒީ އިހުސާންއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީން ނިންމާފައިވަނީ ގާޒީ އިހުސާން، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަގާމުގެ މަސައްކަތުން ދުރުކުރުމަށެވެ.

ނަމަވެސް އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަފުސީލެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެ އެވެ.